ކަރަންޓު ކާރު ކުންފުނި "ރިވިއަން"އަށް 1.3 ބިލިއަންގެ އިންވެސްޓްމެންޓެއް

ކަރަންޓު ކާރު އުފައްދާ ކުންފުނި ރިވިއަންއަށް 1.8 ބިލިއަން ޑޮލަރުގެ ވުނަކުރުމެއް (އިންވެސްޓްމެންޓް) ލިބިފައިވާ ކަމުގައި އެކުންފުނިން ބުނެފިއެވެ. މިވުނަކުރުމުގައި އެންމެ ގިނަ ޢަދަދެއްގެ ފައިސާ ވުނަކޮށްފައިވާ ވުނޭރަކީ (އިންވެސްޓަރއަކީ) ފަންޑު މެނޭޖުކުރާ ކުންފުންޏެއް ކަމުގައިވާ ޓީ.ރޯވް ޕްރައިސްއެވެ. އޭގެ އިތުރުން އެމޭޒަންއާއި ފޯރޑް ފަދަ ކުންފުނިތަކުންވެސް ގިނަ ޢަދަދެއްގެ ފައިސާ މިކުންފުނީގައި ވުނަކޮށްފައިވެއެވެ. ވުނޭރުން ހޯދުމަށް އެކުންފުނިން ހިންގި މިހަރަކާތަކީ މިއަހަރު ތެރޭގައި އެކުންފުނިން ފައިސާ ހޯދުމަށް ހިންގި މިފަދަ ހަތަރުވަނަ ހަރަކާތެވެ. މިހާރު އެކުންފުންޏަކީ ކަރަންޓު ކާރު އުފެއްދުމުގެ ދާއިރާގައި ވާދަކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ފައިސާ ލިބިފައިވާ އެއް ކުންފުނި ކަމުގައިވާނެއެވެ. މިދާއިރާގައި މިހާރު އެންމެ ކުރީގައި އުޅޭ ކުންފުންޏަކީ އީލާން މަސްކުގެ ޓެސްލާ ކުންފުންޏެވެ. ރިވިއަންގެ އިސްަވެރިން ބުނެފައިވަނީ މިކުންފުންޏަށް މިހާ ގިނަ ފައިސާ އެއްފަހަރާ ލިބުމަކީ ކުންފުނީގެ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި އިސްތިރާޖީ ރޭވުމާމެދު އޮތް އިތުބާރު ދައްކުވައިދޭ ކަމެއް ކަމުގައެވެ. ކަރަންޓު ކާރަކީ އެއްގަމު އުޅަދުފަހަރުގެ ބައިނަލްއަޤުވާމީ ބާޒާރުގައި ވަރަށް ކުޑަކުޑަ ހިއްސާއެއް އޮންނަ ދާއިރާއެކެވެ. ޓެސްލާއަކީ މިބާވަތުގެ ކާރު އުފެއްދުމުގައި އެންމެ މަޝްހޫރު ކުންފުނި ކަމުގައިވީނަމަވެސް ޗައިނާއާއި ޔޫރަޕުގެ ޤައުމުތަކުންދަނީ މިބާވަތުގެ ކާރުތައް އިތުރުކުރުމަށް ބާރުއަޅަމުންނެވެ. ފޯރޑާއި ގެނެރަލްމޮޓޯރސްގެ އިތުރުން ބޮޑެތި ގިނަ ކާރު އުފައްދާ ކުންފުނިތަކުންވަނީ ކަރަންޓު ކާރު އުފެއްދުމަށް ގިނަ ޢަދަދުތަކެއްގެ ފައިސާ ވުނަކުރާނެ ކަމުގައި ވަޢުދުވެފައެވެ. ރިވިއަންއަކީ 2009ވަނަ އަހަރު ވުޖޫދަށް އައި ކުންފުންޏެކެވެ. އެކުންފުނިންދަނީ 2020ގައި ކަރަންޓު ޕިކްއަޕުގެ އިތުރުން އެސްޔޫވީތަކެއް ބާޒާރާ ހަމައަށް ގެނައުމުގެ ތައްޔާރީތައް ފުރިހަމަކުރަމުންނެވެ. މިދެބާވަތްވެސް ބިނާކޮށްފައިވަނީ ރިވިއަންއިން ތައްޔާރުކޮށްފައިވާ "ސްކޭޓްބޯރޑް" ފަރުމާގެ މައްޗަށެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ