ސުޕްރީމް ކޯޓު ވެބްސައިޓަށް އާ ޑޮމެއިންއެއް ތައާރަފް ކޮށްފި

ސުޕްރީމް ކޯޓުގެ ވެބްސައިޓްގެ ޑޮމެއިން ބަދަލުކޮށް އެ ވެބްސައިޓުން މައުލޫމާތު ހޯދަން ފަސޭހަވާނެ ގިނަ ފީޗާތަކާ އެކު އަލުން ލޯންޗްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބުނީ އާ ޑޮމެއިންގެ ދަށުން، ބަދަލުތަކާކާއި އެކީ މި ވެބްސައިޓް ލޯންޗްކުރުމުގެ މައިގަނޑު އަމާޒަކީ ވެބްސައިޓްގައި ޝާއިއުކުރެވޭ ހުކުމްތަކާއި، ކޯޓުގެ މަސައްކަތްތަކާއި ގުޅުންހުރި އެކިއެކި ލިޔުންތަކާއި، މަޢުލޫމާތު، ވެބްސައިޓް ބޭނުންކުރައްވާ ފަރާތްތަކަށް ދަތިކަމެއްނެތި ހޯއްދެވޭނެ މަގު ފަހިކުރުން ކަމަށެވެ.
ސުޕްރީމް ކޯޓުން މީގެ ކުރިން ބޭނުންކުރަމުން އައި supremecourt.gov.mv ގެ ބަދަލުގައި މިހާރު ބޭނުންކުރާނީ supremecourt.mv އެވެ.އެ ކޯޓުން ބުނީ ވެބްސައިޓުގެ "ސާރޗް ފަންކްޝަނަލިޓީ" އަށް ވަނީ ބަދަލު ގެނެވި، ކުރިއަށްވުރެ ފުރިހަމަ ކުރެވިފައި ކަމަށެވެ. ކީ ވޯޑުތަކާއި، ޤާނޫނު ނަންބަރު ސާރޗް ކޮށްގެން ނިންމުންތައް ހޯދޭގޮތަށް ގެނެވުނު މި ބަދަލާއެކު، ވަކި މައްސަލައެއްގެ ޙުކުމް ހޯދުން ފަސޭހަވެ، ހޯދަން ބޭނުންވާ ޙުކުމް ހޯދުން ކުރިއަށްވުރެ އަވަސްވެގެން ދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެ އެވެ.
މި ބަދަލާއެކު ނޫސްވެރިންނާއި، ގާނޫނީ ވަކީލުންނާއި، ޤާނޫނު ކިޔަވާ ދަރިވަރުންގެ އިތުރުން ވެބްސައިޓްގެ ބޭނުން ކުރައްވާ އެހެނިހެން ފަރާތްތަކަށްވެސް މަޢުލޫމާތު ހޯއްދެވުމުގައި ލުއި ފަސޭހަ ވެގެންދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެ އެވެ. މީގެއިތުރުން، ކޯޓުގެ މީޑިއާ ލިންކްތަކާއި، ފޯމުތަކާއި، މުހިންމު މަޢުލޫމާތުތަކާއި، ވެބްސައިޓް ބޭނުންކުރައްވާ ފަރާތްތަކުން ޢާންމުކޮށް ހޯއްދަވާ އެހެނިހެން މަޢުލޫމާތު ފަސޭހައިން ހޯއްދެވުމަށް 'ކުއިކް ލިންކްސް އައިކަން' ތަކެއް ވަނީ ވެބްސައިޓްގެ ހޯމްޕޭޖްގައި ހިމެނިފައިވާނެ ކަމަށް ވެސް އެ ކޯޓުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ