ކުޑަ ކުއްޖަކަށް އެކުއްޖާގެ މަންމަގެ ރައްޓެއްސެއްގެ ފަރާތުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާ ކުރި މީހާގެ މައްޗަށް އެ މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ. އެ ކުއްޖާ ދިން ބަޔާނުގައި ބުނެފައި ވަނީ އެ ކުއްޖާގެ އުމުރުން 8 އަހަރުން ފެށިގެން 14 އަހަރާއި ހަމައަށް ޖިންސީ ގޯނާކުރި ކަމަށެވެ. އެ މީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ އޭނާ އާއި އޭނާގެ ކޮއްކޮ އެކަނި ގޭގައި ހުންނަ ވަގުތުގައި ކަމަށް ވެސް އެ ކުއްޖާ ދިން ބަޔާނުގައި ބުނެފައިވެއެވެ. އެ މައްސަލަ ތުހުމަތު ކުރެވޭ މީހާ ވަނީ ކުއްޖާ އާއި ކުއްޖާގެ ދައްތަގެ އުޅުމަށް ފާޑު ކިޔައިފައެވެ. އަދި އެ އުޅުން ރަނގަޅު ނޫން ކަމަށް ބުނެ އެ ކުއްޖާގެ މަންމަ ގާތުގައި އެ ވާހަކަ ބުނެފައިވާނެ ކަމަށާއި އޭނާ އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ އެކަމުގެ ސަބަބުން ލަނޑެއް ދިނުމަށް ކަމަށް އޭނާ ބުނެއެވެ.މި މައްސަލަ އަކީ 2012ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް ކުއްޖާގެ ދައްތަ ހުށަހެޅި މައްސަލައެކެވެ. އެ ކޮމިޝަނުން މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން އެ މައްސަލަ ޕީޖީ އަށް ފޮނުވީ ފޮނުވިއެވެ. އަދި ޕީޖީ އިން 2013ވަނަ އަހަރުގެ މާޗު މަހުގެ 10ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި މައްސަލަތައް ސާބިތު ކުރުމަށް ބޭނުންކުރެވިދާނެ ހެކިތަކުގެ ލިސްޓެއްވާއިރު އެ ލިސްޓުގައި މަދުވެގެން ފަސް ހެކި މިފަދަ މައްސަލަތަކުގައި ހުންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ހައިކޯޓުގެ ހުކުމްގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި މައްސަލަތައް ސާބިތު ކުރުމަށް ބޭނުންކުރެވިދާނެ ހެކިތައް ހަމަ ނުވި ނަމަވެސް ލިބިފައިވާ ހެކީގެ މައްޗަށް ބަލާއިރު އެ ހެއްކަކީ މީހަކު ކުށެއް ކޮށްފި ކަމަށް އެކަށީގެންވާ މިންވަރަކަށް ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވާ ހެކިތަކެއް ކަމަށްވާ ނަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާ ކަމަށް ނިންމި ދާނެ ކަމަށް އެ ކޯޓުގެ ކުރީގެ ގަޒިއްޔާއެއްގައި ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. މި ހުކުމުގައި އަނިޔާ ލިބުނު ކުއްޖާ ދޭ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލު ކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި މައްސަލަ ބަލާ ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަމަށް ބަޔާން ކޮށްފައިވެއެވެ. އެގޮތުން ކުއްޖާގެ ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގޮތްވޭތޯ ބެލުމާއި ޝަކުވާ އުފުލި ފަރާތުގެ އަހުލާގާއި އަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތާއި ކުއްޖާ ތުހުމަތު ކުރެވޭ މީހާއާ ބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލުން ހިމެނެއެވެ. އެހެންކަމުން މި މައްސަލާގައި ކުއްޖާގެ ދައްތަ އަދި ކުއްޖާ ވެސް ތަހުގީގަށާއި ޝަރީއަތަށް ދިން ބަޔާންތަކުގައި ފުށު އެރުންތަކެއް ހުރި ކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެ މައްސަލަ ސާބިތު ނުވާ ކަމަށް ހައިކޯޓުން ވަނީ ނިމްމާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޖިންސީ ގޯނާ ސާބިތުނުވި ކަމަށް ދަށު ކޯޓުން ކުރި ހުކުމެއް ހައިކޯޓުން ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ