ޓްވީޓަކާ ގުޅިގެން މިނިސްޓަރު މަހުލޫފަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި

އެކަށީގެންވާ ފަރުވާ ނުދީ ގައިދީން ޖަލުގައި މަރަމުންދާ ކަމަށް ބުނެ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައި މަހުލޫފު މިއަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ފަރުވާ ނުދީ މަރާލަނީ ކަމަށެވެ. އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވެ، އެކަމުގެ ޒިންމާ ކަރެކްޝަނަލް ސާވިސްގެ ވެރިން ނަންގަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި މަހުލޫފު ކުރެއްވި އެ ޓްވީޓާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ.
ރާއްޖެޓީވީ ނުވައްދައި ކުރިއަށް ގެންދިޔަ ހުކުމް އިއްވި ޝަރީއަތުގައި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ މަހްލޫފްގެ މައްޗަށް ކުށް ސާބިތު ނުވީ ދައުލަތުން މައްސަލަ ސާބިތު ކުރުމަށް އެކަށީގެންވާ ހެއްކެއް ހުށަހަޅާފައި ނުވާތީ ކަމަށެވެ.
ހުކުމް އިއްވުމުގެ ކުރިން، މަހްލޫފާ ދެކޮޅަށް ކުރި ދައުވާ އިތުރަށް ދިރާސާ ކުރަން ބޭނުންވާތީ ދައުވާ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވިއެވެ. ނަމަވެސް، ގާޒީ ވިދާޅުވި ކަމަށް ވަނީ ޝަރީއަތުގެ މި މަރުހަލާއަކީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުމަކަށްވާތީ މަހްލޫފާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށެވެ.
މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން މީގެ ކުރިން ވެސް އޭނާގެ މައްޗަށް ދައުވާއެއް އުފުލިއެވެ. ނަމަވެސް އެ ދައުވާ ކުރިއަށް ނުގެންދެވޭ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ވެސް ކުރިއަށް ނުގެންދަން ނިންމާފައިވާއިރު، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމުގެ ކުށުގައި އޭނާ ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ