ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ކޮންމެ ކޯޓަކަށް ދިޔަ ކަމުގައިވިޔަސް އެކަމާ ދެކޮޅަށް އެއްވެސް ހުކުމެއް ނާންނާނެ ކަމަށާއި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ނިންމުމެއް ނިންމައިފިނަމަ ދެން އޮތީ ހުރިހާ ރައްޔިތުން ބަނޑަށް ޖެހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު މައުމޫން ފައުންޑޭޝަން ހިންގަމުން އަންނަ ފުލިދޫ ގޭގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، އޮޅުވާލުންގަނޑެއްގެ ތެރޭގައި ރައްޔިތުން ބައިތިއްބަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަދު އޮތް ވެރިކަމާ ދެކޮޅަށް ރައްޔިތުން ބަސް ބުނުމުން އެކަމާ ދެކޮޅު ހަދާނެ މުއައްސަސާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރަނީ، އަމިއްލަ އެދުމުން ފޯވެފައި ތިބި މަދު ބައެއް. ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ސާފުކޮށް ބަސް ބުނުމުން އެކަމާ ދެކޮޅު ވެވޭނީ ކޮން މުއައްސަސާއަކަށްތޯ. ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ނިންމައިފި ނަމަ ދެން އޮތީ ހުރިހާ ރައްޔިތުން ބަނޑަށް ޖެހުން. ބައިނަލްއަގުވާމީ ގައުމުތަކުން ވަގުތުން ދަތިކުރުމުގެ ފިޔަވަޅުއަޅާނެ" ގާސިމް ވިދާޅުވިއެވެ.
އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން އެ އިންތިހާބު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ގާސިމް މިއަދު ވަނީ ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ބޭއްވި ރިޔާސީ އިންތހާބު ދިވެހިންގެ ނިންމުން މުޅި ދުނިޔެ ވެސް ބަލައިގެންފައިވާ ކަމަށާއި އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، މަދު ބަޔަކާއެކު ކޮންމެ ރެއަކު އެ ޕާޓީން އަޑުއުފުލަމުންދާ ކަމަށެވެ.
"އިންތިހާބުގެ ނަތީޖާ އެމަނިކުފާނު ރަނިންމޭޓު، ޑރ. ޝަހީމް ވެސް ގަބޫލުފުޅު ކުރައްވައިފި. ދެން ކާކުތޯ ނުކުރަން ހުރީ, އަމިއްލަ އެދުމުން ފޯވެފައިވާ މަދު ބަޔަކު ފިޔަވައި އެހެން އެންމެން ނަތީޖާ ގަބޫލުކޮށްފި ހެޔޮ ހިތުން. ދެން ޖެހޭނީ ބަލި ގަބޫލުކުރަން،" ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެވަޑައިގަތް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން ދިޔައީ، މިނިވަންކަމާ އެކުގައިކަން ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ރިޕޯޓުތަކުން ވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަމުންދިޔަ މިންވަރު އެނގި ހާމަވީ އިންތިޚާބުން އެމަނިކުފާނު ބަލިވުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.
"މިހާލަތުގައި، އިންތިޚާބު ބާތިލްކުރަން ކޮންމެ ކޯޓަކަށް ދިޔަ ކަމުގައި ވިޔަސް އެއްވެސް ހުކުމެއް ނާންނާނެ, ނަސޭހަތާއެކު އަޅުގަނޑު ދަންނަވާނީ، މަނިކުފާނުއޭ ތިއީ ވަރަށް ބޮޑު ގޯހެކޭ. ރައްޔިތުންގެ ނިންމުން އަނބުރައި ބޮލާލައި ޖެހޭނެވަރުގެ އެއްވެސް ބާރެއް އިންސާނެއް ލިބިގެން ނުވޭ." ގާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް މީގެ ދުވަސްތަކެއް ކުރީން މީސް މީޑިއާގައި ލީކު ކޮށްލާފައިވާއިރު އެ އޯޑިއޯއަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހަކާ ދައްކާފައިވާ ފޯން ކޯލްތަކުގެ ރެކޯޑިންތަކެކެވެ.
ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން ޝަރީފު ވަނީ، ދައުރު ކުރަމުންދާ އޯޑިއޯ އަކީ އޭނާގެ ފޯނުން ތަފާތު ފަހަރުމަތިން ދައްކާފައިވާ ވާހަކަތައް އޭނާއަށް ނޭނގި ރެކޯޑްކޮށް، ވާހަކަތަކުގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ނެރުމަށް އަދި ވަކި ވާހަކައެއް ދޭހަކޮށްދިނުމަށް އެޑިޓްކޮށް، ޑަބްކޮށްފައިވާ އޯޑިއޯއެއް ކަމަށް ވިދާޅުވެފައެވެ.
ކޯޓަކުން އިންތިހާބާ ކުޅެފިނަމަ ރައްޔިތުން ބަޑަށް ޖެހޭނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ