މަޖިލިސް ރައީސްކަމުގެ މަގާމަށް ގާސިމް އައްޔަނެއް ނުކުރެވޭ: އާޒިމާ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިނލީ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހިމް މަޖިލިސް ރައީސްކަމަށް އައްޔަން ނުކުރެވޭނެ ކަމަށް، މަޝްހޫރު ޤާނޫނީ ވަކީލު އަދި ރައިސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
އާޒިމާ މިގޮތަށް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ގާސިމް އިބްރާހިމްގެ ޝަރުތު ފުރިހަމަ ނުވާތީ ސުވާލު އުފައްދަވައިގެންނެވެ.
ޤާނޫނުއަސާސީގެ 124 ވަނަ މާއްދާއަށް ހަވާލާ ދެއްވައި، އޭނާގެ ފޭސްބުކްގައި އާޒިމާ ބަޔާން ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު، މަގާމުން އިސްތިއުފާދެއްވައިފި ނަމަ ވެރިކަމަށް ވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް ކަމަށް، ގާނޫނު އަސާސީގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއީ މަޖިލީހުގެ ރައީސް ނެތް ހާލަތެއްނަމަ ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވާނީ ނައިބު ރައީސް ކަމުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް ކަމުގެ މަގާމަށް ވަގުތީ ހާލަތެއްގައިވެސް ހަވާލުވާ ފަރާތަކީ އެމަގާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާ ފަރާތެއް ކަމަށް ޤާނޫނު އަސާސީގެ 124 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާކަމަށްވެސް ފާހަގަ ކުރައްވާފައިވެ އެވެ.
އެކަން އެގޮތަށް އޮތްއިރު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އައްޔަނުކުރައްވާފައިވާ ރައީސަކީ 65 އަހަރުން މަތީގެ މީހެއް ކަމަށާއި އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އާޒިމާ ވިދާޅުވެފައިވެ އެވެ. އާޒިމާ މިހެން ވިދާޅުވެފައިވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހަމައެކަނި ހިމެނެނީ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާއިރު ހުންނަ ޝަރުތުތައް ކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އާޒިމާ ވިދާޅުވެފައިވަނީ، ގާނޫނީ ގޮތުން އުފެދޭ މިސުވާލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވަންވާނެ ކަމަށެވެ. ގާނޫނު އަސާސީގެ 123 ވަނަ މާއްދާއާއި 124 ވަނަ މާއްދާގެ ތެރެއިން އަމަލު ކުރަންޖެހޭނެ ގޮތްތަކާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށް އާޒިމާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން  ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ މަސީހު އިސްތިއުފާ ދެއްވުމާ ގުޅިގެން މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ގާސިމް އިބްރާހިމް އިންތިޚާބު ކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ  ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި، 80 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މަޖިލީހުގެ ރައީސް ކަމަށް ޤާސިމް އާ ވާދަކުރެއްވި ޕީޕީއެމްގެ ނާއިބު ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް އަބުދުﷲ އަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ