ކުރީގެ މެމްބަރު ނާޒިމްގެ ޖަލުހުކުމް ބާތިލް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ.
ނާޒިމް 25 އަހަރަށް ޖަލަށް ލުމަށް 2015 ވަނަ އަހަރު ހުކުމް ކުރީގެ ދަށުކޯޓްތަކުން މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވަނިކޮށް ސްޕްރީމް ކޯޓުންނެވެ. ނާޒިމްގެ މައްޗަށް ހުކުމްކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބު ކުރި ކަމަށް ދައުލަތުން ދައުވާކުރި މައްސަލައެއްގައެވެ.
މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ނާޒިމްގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމެވީ، ކުރީގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމުގައެވެ.
ނާޒިމްގެ ފަރާތުން އިޖްރާއީ ނުކުތާއެއް ނަގާފައިވަނީ ހައިކޯޓުން މައްސަލަ ނިންމާ އިސްތިއުނާފްގެ މުއްދަތު ހަމަވެފައި ވަނިކޮށް އެމައްސަލާގައި ދައުލަތުން ސްޕްރީމް ކޯޓްގައި އިސްތިއުނާފް ކުރުމުންނެވެ.
ނާޒިމްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. ހައިކޯޓުން ނިންމާ މައްސަލަތައް އޭރު އޮންނަ ގޮތުން ތިން މަސްދުވަހުގެ ތެރޭގައި ސްޕްރީމް ކޯޓްގައި އިސްތިއުނާފް ކުރަން ޖެހެއެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅާ ދިޔަފަހުން ނާޒިމްގެ މައްސަލަ ދައުލަތުން ސްޕްރީމް ކޯޓްގައި އިސްތިއުނާފްކޮށް ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.
އިސްތިއުނާފް މަރުހަލާ ފަހަނައަޅާ ގޮސްފައި ވަނިކޮށް އިސްތިއުނާފް ކުރި މައްސަލައެއްގައި އޭރު ކުރި ހުކުމް ބާތިލްކޮށް ސްޕްރީމް ކޯޓުން މިއަދުކުރި ހުކުމުގައިވަނީ އިސްތިއނާފް މަރުހަލާ ގޮސްފައިވަނިކޮށް އެމައްސަލަ އިސްތިއުނާފް ނުކުރެވޭނެކަމަށްބުނެ ނާޒިމްގެ ފަރާތުން ނެންގެވި އިޖްރާއީ މައްސަލައަށް ސްޕްރީމް ކޯޓުން ތާއީދު ކޮށްފައެވެ.
ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކުރިއިރު ސިޔާސީ ބައެއް އެހެން ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ބައެއް ހުކުމްތައްވެސް ސްޕްރީމް ކޯޓުން މި ފަހުންވަނީ ބާތިލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ