ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އިންތިހާބަށް ހޯދި ފައިސާ ޖަމާކުރި އެކައުންޓްގެ މައްސަލައިގައި ކަމަށް އެމަނިކުފާޏުގެ ވަކީލާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ޔާމީން ފުލުހަށް ހާޒިރު ކުރާ މައްސަލައާއި ގުޅިގެން "ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ ޔާމީން ފުލުހަށް ހާޒިރު ކުރާ މައްސަލައިގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށާއި، އެ ފައިސާއަކީ އިންތިހާބުތެރޭގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނާ އެއްގޮތަށް ޑިކްލެއާ ކުރި އެކައުންޓަށް ޖަމާވި ފައިސާ ކަމަށެވެ. އަދި އެ އެކައުންޓަށް ޖަމާކުރެވިފައިވަނީ އިންތިހާބުގައި ބޭނުން ކުރަން އެކި ގޮތް ގޮތުން ލިބުނު ފައިސާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
"އެ އެކައުންޓަކީ އިލެކްޝަންސް ގާނޫނުގެ ދަށުން ޑިކްލެއާ ކުރައްވާ އެއަށް ފައިސާ ރިސީވް ކުރެއްވި އެކައުންޓެއް. އެ އެކައުންޓްގެ ވާހަކަ އެ ދައްކަވަނީ. އޭގައި ހުންނަނީ އެ ދުވަސްކޮޅު (ރިޔާސީ އިންތިހާބުގެ ދުވަސްވަރު) ރިސީވް ކުރި ފައިސާ" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ޔާމީން ފުލުހަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް މީހަކު ޖަމާކުރި ފައިސާގެ މައްސަލައިގައި ނޫން ކަމަށާއި، އެ މައްސަލައަކީ ތަފާތު އެހެން މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ބަަލަމުންދަނީ ގާނޫނާ ގަވައިދާ ހިލާފަށް، ކަމެއް ހިނގާފައިވޭތޯ ބަލަން ކަމަށާއި، އެކަމުގެ ތަފްސީލު އިނގޭނީ ފުލުހުން އެކަމާ ސުވާލު ކުރުމުން ކަމަށެވެ.
ޔާމީން ފުލުހަށް ހާޒިރުވާން އެދި ފޮނުވި ޗިޓްގައި ބުނެފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު ދޭއް ޖަހާއިރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ. ފުލުހުން ބުނީ ޔާމީން، ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގަވާފައިވާކަމަށް ތުހުމަތުކުރެވޭ، ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކެއް އެ އިދާރާއިން ތަހުގީގު ކުރަމުން ދާ ކަމަށެވެ. އަދި މި މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުންދާނެ ކަމަށެވެ.
ޔާމީން ހާޒިރުކުރަނީ އިންތިހާބަށް ހޯދި ފައިސާ ޖަމާކުރި އެކައުންޓްގެ މައްސަލައިގައި: އާޒިމާާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ