ރައީސް ސޯލިހުވެސް އެއްބަސްވުން ދަމަހައްޓަން މަސައްކަތް ނުކުރޭ: ގާސިމް
މަޖިލިސް އިންތިހާބާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާ ކުރެއްވުމުން އެމްޑީޕީއިން ކޯލިޝަނުން ވެފައިވާ އެއްބަސްވުމަށް ތާޢިދު ނުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ޖުމްހުރީ ޕާޓީއާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކުރުމަށް މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ކޯލިޝަނުގެ ތެރޭގައި މައްސަލަ އުފެދިފައިވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ހުރިހާ ޕާޓިތަކުގެ ލީޑަރުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްބަސްވެފައިވާ އެއްބަސްވުން ވެރިކަމަށް އައުމާއެކު ހަނދާން ނައްތާލުމުންކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓިތަކުން އަމަލު ކުރާނެ ގޮތެއް ކަނޑައަޅައި އެއަށް ޢަމަލު ކުރަން އެއްބަސްވެފައިވާކަމަށާއި ނަމަވެސް އެމްޑިޕީއަށް ވެރިކަން ލިބުމާއެކު އެއްބަސްވުމާއި ޚިލާފަށް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތި ލުމަށް ނިންމެވިކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ އެއްބަސްވުމާއި ގުޅޭގޮތުން އެންމެ ފަހުން ހަތަރު ލީޑަރުން ގުޅިގެން ބޭއްވި ބައްދަލު ވުމުގައި ވާހަކަދެއްކެވި ކަމަށާއި މުޙައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމާއި ގުޅިގެން އެމްޑީޕީއިން އެ އެއްބަސްވުމަށް ޢަމަލު ކުރަން ބޭނުން ނުވާނެކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށްވެސް ގާސިމް ވަނީ ރޭގެ ހަފްލާގައި ވިދާޅުވެފައެވެ. ގާސިމް އިތުރަށް ވިދާޅުވީ ރައްޔިތުން މަޖިލީހަށް ވާދަ ކުރުމާ ގުޅޭ ގޮތުން ޖޭޕީން ވަކި ގޮތެއް ނުނިންމާ ލަސްކުރީ ޕާޓީތަކަށް ވަކި ގޮތަކަށް އެއްބަސް ނުވެވޭތީ ކަމަށް. އަދި އެއްވެސް ބޭފުޅަކަށް އެކަމަށް ހައްލެއް ނުގެނެވުމުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާ ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ