އާންމު މެންބަރުންނަށް ތަހުނިޔާ ފޮނުއްވީ ޕީޕީއެމްގެ ހަގީގީ ރައީސްގެ ހައިސިއްޔަތުން: މައުމޫން

މިއަދު ފާހަގަކުރަމުންދާ ޕީޕީއެމްގެ ހަތްވަނަ އަހަރީ ދުވަހާ ގުޅިގެން އެޕާޓީގެ އާންމު މެންބަރުންނަށް ޕީޕީއެމްގެ ބާނީ ރައީސް މައުމޫން އަބްދުލްގައްޔޫމު ތަހުނިޔާ ފޮނުއްވައިފި އެވެ.
މިވަގުތު މެލޭޝިއާގައި ހުންނެވި ރައީސް މައުމޫން ޕީޕީއެމްގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ހަގީގީ ރައީސްގެ ހައިސިއްޔަތުން ޕީޕީއެމްގެ އެންމެހާ އާންމު މެންބަރުންނަށް ޕީޕީއެމްގެ ހަތްވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށާއި ބާއްޖަވެރި މުސްތަގުބަލަކަށް އެދޭ ކަމަށެވެ.
ރައީސް މައުމޫން ޕީޕީއެމްގެ އާންމު މެންބަރުންނަށް އެޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައި މިވަނީ އެޕާޓީ މިވަގުތު ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ރައީސް މައުމޫނާ ދެމެދު ހިނގާދިޔަ ސިޔާސީ ބޮޑެތި ކޯޅުންތަކަކަށްފަހު ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުންނާއި އާންމު މެންބަރު ކަމުންވެސް ވަކިކުރައްވާފައި ވަނިކޮށެވެ.
ޕީޕީއެމްގެ ހަތްވަނަ އަހަރީ ދުވަހާ އެޕާޓީ ކުރިމަތިލާފައި މިވަނީ ސިޔާސީ ގޮތުން އެޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ ޕާޓީގެ މުސްތަގުބަލާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ވަގުތެއްގަ އެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ޕީޖީ ގުރޫޕްގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ޕާޓީގެ ހަރަކާތްތަކާ ފެއަށް ޖެހިވަޑައިގެންފަ އެވެ.
މީގެއިތުރުން ރިޔާސީ އިންތިހާބަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާތީ އެޕާޓީގެ ލީޑަޝިޕާ ދޭތެރޭވެސް މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމް މިވަގުތު ކޮންޓްރޯލް ކުރަމުން ގެންދާ އެޕާޓީގެ ލީޑަޝިޕާ އެއްވެސް މުއާމަލާތެއް ނުކުރުމަށް ނިންމާފަ އެވެ. އަދި ރައީސް މައުމޫނަށް އަލުން ޕީޕީއެމް ހަވާލުކުރުމަށް އެޕާޓީގެ އާންމު މެންބަރަކު މިހާރު ވަނީ ސިވިލް ކޯޓަށް މައްސަަލައެއް ވެސް ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ