މެންބަރުންގެ އަދަދު އިތުރު ނުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން ހުށަހަޅައިފިއެވެ.
ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލެވެ.
ޚަލީލު ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާ އާއި 72 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ.
ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އަށް ހަލީލް ހުށަހެޅުއްވި އިސްލާހަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 28 މޭ 2014 ގައި އެކުލަވާލެވުނު ރައްޔިތުންގެ މަޖިލިސްގައި ހިމެނޭ އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް 85 މެންބަރުން ކަމަށް ކަނޑައެޅުމަށެވެ.
ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮންނަނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ކަނޑައަޅަންވާނެ ކަމަށެވެ.
ގާނޫނު އަސާސީގެ 72 ވަނަ މާއްދާގެ (ހ) އަށް ހަލީލް ހުށަހެޅުއްވި އިސްލާހަކީ، ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ އިދާރީ ދާއިރާއަކުން، 28 މޭ 2014 ގައި އެކުލަވާލެވުނު ރައްޔިތުންގެ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިންތިހާބީ ދާއިރާތައް ވަކި އިންތިހާބީ ދާއިރާތަކެއްގެ ގޮތުގައި ކަނޑައަޅައި އެއިން ކޮންމެ އިންހާބީ ދާއިރާއަކުން އިންތހާބުކުރާނީ އެއް މެންބަރު ކަމަށް ކަނޑައެޅުމެވެ.
މެމްބަރުންގެ އަދަދު އިތުރު ނުކުރެވޭ ގޮތަށް ހަލީލް އިސްލާހު ހުށަހަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ އަހަރުގެ މަޖިލިސް އިންތިހާބަށް ދެ ދާއިރާއެއް އިތުރު ކުރުމަށް ނިންމާފައެވެ. އެ އިންތިހާބީ ދާއިރާތަކަކީ މައްޗަންގޮޅީ މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ