ޑރ. އަފްރާޝީމު އަވަހާރަކޮށްލި ކަން ޝާންގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި، ހ.ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ކުރި، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފި އެވެ.
މިއަދު ކްރިމިނަލް ކޯޓުން ކުމްގައި ބުނެފައި ވަނީ، ދައުލަތުން، އެ މައްސަލަ ސާބިތު ކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު އެ މައްސަލައިގައި ކުށް ސާބިތުވެ، މެރުގެ ހުކުމް އިއްވާފައިވާ ހުސައިން ހުމާމް އަހްމަދު، ކުރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ދީފައިވާ އިއްތިރާފް ބަޔާނުގައި، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން އަލީ ޝާން ރޭވި ކަމާއި އަދި އެމަނިކުފާނު އަވަހާރަ ކޮށްލަން، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ދިޔަކަން އެގެން އޮތް ނަމަވެސް ހުމާމުގެ މައްޗަށް ތަފާތު އެކި ކުށްތައް ސާބިތުވެ ހުކުމްކޮށްފައިވުމުން އޭނާ އަކީ ފާސިގެއްކަމުގައި ވާތީ އޭނާގެ އެ ބަޔާނަކީ ހެތްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ބަޔާނެއްނޫން ކަމަށެވެ.
ދައުލަތުން ހުށަހަޅާފައިވާ ދެވަނަ ހެކިދިން މީހާގެ ހެކިބަހަށް ބަލާއިރު، ޑރ. އަފްރާޝީމް އަށް ޝާން ހަމަލާދިން މަންޒަރު ފެނިފައި ނުވާކަމަށް އޭނާ ބުނެފައިވާކަމަށް ވެސް އެ ހުކުމްގައިވެ އެވެ. އެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ފޯން ކޯލް ރެކޯޑިން އަށް ބެލިރު ޑރ. އަފްރާޝީމް މަރާލުމުގައި ޝާން ބައިވެރިވިކަން އެ ރެކޯޑިންއިން އެނގެން ނެތްކަމަށް ވެސް ހުކުމްގައިވެ އެވެ.
އަލީ ޝާންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަހަށްބަލާ އިރު ހާދިސާ ހިނގި ވަގުތު ޝާންހުރީ ޖަލަފީނޯ ރެސްޓޯރެންޓްގައިކަން އެ ތިން މީހުންގެ ހެކިބަހުން ސާބިތުވާކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
ކީރިތި ރަސޫލާގެ ހަދީސުން ސާބިތުވާ ގޮތުގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށެއް ސާބިތުވާން ޖެހޭނީ އެއްވެސް ޝައްްކެއް ނެތް މިންވަރަށް ކަމަށްވާތީ، އެ ހުރިހާ ހެކިތަކަށްބަލާ އިރު އެ މިންގަނޑަށް ހެކިބަސް ލިބިފައިނުވާތީ އެ މައްސަަލަ ސާބިތު ނުވާކަމަށް މިއަދު ކުރި ހުކުމްގައިވެ އެެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ 2012 އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ