ޖޭޕީއަށް ނިސްބަތްކޮށް ވާހަކަތައް ދައްކަނީ ކޯލިޝަން ރޫޅާލުމަށް: ގާސިމް

ޖުމްހޫރީ ޕާޓީއަށް ނިސްބަތްކޮށް ބައެއް ފަރާތްތަކުން ފާޑުފާޑުގެ ވާހަކަތައް ދައްކަމުން ގެންދަނީ ކޯލިޝަން ރޫޅާލުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ޖޭޕީގެ ޓިކެޓްގައި އިސްދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕެއިން ލޯންޗް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ނުސީދާކޮށް ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ގާސިމްވަނީ ވާހަކަ ދައްކަވާފައެވެ.
މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ވާދަ ކުރުމަށް ނިންމި ނިންމުމަށް އިޝާރާތްކުރައްވާ ގާސިމް ވިދާޅުވީ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ޖެހިއްޖެނަމަ ޖޭޕީއަށްވެސް އެކަން ކުރެވޭނެ ކަމުގައެވެ.
ގާސިމް ވިދާޅުވީ ކޯލިޝަން ރޫޅާލުމުގެ ބޭނުމުގައި ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ކޯލިޝަން ރޫޅާލާ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ނުވާނެ ކަމުގައެވެ. ގާސިމް ވިދާޅުވީ ކާމިޔާބު ވުމާއި ނުވުން އެއީ އެހެންކަމެއް ކަމަށާއި ނަމަވެސް ގައުމީ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންވާނެ ކަމުގައެވެ.
ގާސިމް ވިދާޅުވވީ ކުރައްވަމުން ގެންދަވާ ސިޔާސި މަސައްކަތްތައް ބަލިކަށިކޮށްލެއްވުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި އެފަދަ ނާތަހުޒީބު މަސައްކަތްތައް ހުއްޓާލުމަށް ގާސިމް ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ