ދައުލަތުގެ ބަޖެޓުން އަދާލަތު ޕާޓީއަށް ފައިސާ ދޫނުކުރި މައްސަލަ ރަނގަޅު ކަމަށް ސަވިލް ކޯޓުން ނިންމައިފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އަދާލަތު ޕާޓީއަށް ދޫނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމި ބާތިލްކުރުމަށް އަދާލަތު ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެޕާޓީއާ ދެކޮޅަށް ނިންމައިފި އެވެ.
އަދާލަތު ޕާޓީން ސިވިލް ކޯޓަށް މިމައްސަލަ ހުށަހަޅާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިމައްސަލަ ކޯޓުން ނިންމާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
އަދާލަތު ޕާޓީއަށް ފައިސާ ދޫނުކުރަން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އެންގި އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ކޯޓުން ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް 2015 ވަނަ އަހަރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ އެ ޕާޓީއެއްގައި 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އެހެންކަމުން 2016 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާ އެ އަހަރުގެ ނޮވެމްބަރު މަހު ޕާޓީތަކަށް ދޫކުރިއިރު އަދާލަތު ޕާޓީ އަށް ފައިސާ ދީފައި ނުވަނީ 10،000 މެމްބަރުން އެޕާޓީގައި ހަމަނުވާތީ ކަމަަށް އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީއަށް ލިޔުމުން އަންގާފައިވެ އެވެ.
މީގެ ކުރިން 10،000 މެންބަރުންގެ ދަފްތަރެެއް އޮތް އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ވުރެ މަދުވީ އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކުރުމުންނެވެ. މިއިސްލާހަށް އަމަލުކުރަން ފެށުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އަދާލަތު ޕާޓީއާ އެހެން ބައެއް ޕާޓީތަކުގެ ދަފްތަރުގައި ތިބި އެތައް ހާސް މެންބަރުންނެއް އިނގިލީގެ ނިޝާން ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އަދާލަތު ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބީ 6891 މެންބަރުން ކަމަށްވީ ނަމަވެސް އަދާލަތު ޕާޓީން ބުނީ އެ ޕާޓީން ބަލަހައްޓަމުންދާ ދަފްތަރުގައި ޕާޓީގެ މެންބަރުންގެ ގޮތުގައި 11،000 މެންބަރުން އެބަ ތިބި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ