ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް މުހައްމަދު ފައިސަލާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހައި ކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ދެ ބޭފުޅުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމީ އާދީއްތަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ވޯޓުގެ ތަފްސީލެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެއެވެ.
ފައިސަލަކީ ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި އިންނަވާ މެމްބަރެެވެ. ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އިންނަވައި، އެ ކޮމިޝަންގެ ނިންމުމަކުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރަން ނިންމެވިއިރު ވެސް، އެ ކޮމިޝަނުން އޭނާ އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އެކަމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި ފައިސަލަށް ވަނީ އަމާޒުވެފައެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމި ޝަހީދަކީ ކްރިމިނަލް ކޯޓަށް މިއަހަރުގެ ޖެނުއަރީ މަހު 25 ވަނަ ދުވަހު އައްޔަން ކުރި ގާޒީއެކެވެ.
ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް ޖޭއެސްސީން ނިންމާފައި ވަނީ އޭނާ އެ މަގާމަށް އައްޔަން ނުކުރުމަށެވެ.
ފައިސަލާއި ޝަހީދު ހައި ކޯޓަށް އައްޔަން ކުރަން ނިންމީ، އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުން، އެ ކޯޓުން ހުސްވި ދެ ފަނޑިޔާރުންގެ މަގާމަށެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ 11 އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ހައި ކޯޓަށް ފައިސަލާއި ޝަހީދު އައްޔަން ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ