މެމްބަރު މަހުލޫފަށް ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ދޭން ނިންމައިފި

ޖަލު ބަންދުގައި 10 މަހާއި 24 ދުވަހުގެ ހުކުމެއް ތަންފީޒުކުރެއްވުމަށް ފަހު މިހާރު ވެސް ހުކުމަކާ ނުލައި ގޭ ބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ދިނުމަށް ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން(ޕީޖީއޭ) އިން ނިންމައިފިއެވެ.
އެވޯޑް ލިބޭކަން އަދި އެވޯޑް ހަފްލާއަށް ދައުވަތު އަރުވައި، ދުނިޔޭގެ 144 ގައުމަކުން 1،300 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ޕީޖީއޭގެ ސެކްރެޓަރީޖެނެރަލް ޑޭވިޑް ޑޮނާޓް ކެޓިން ފޮނުއްވާފައިވާ ސިޓީގައި ވަނީ މަހުލޫފަށް ދެވޭ އެ އެވޯޑަކީ އާއްމުކޮށް އެ ޖަމިއްޔާގެ މެމްބަރުންނަށް ދެވޭ އެވޯޑެއް ނޫން ކަމަށާއި އެގްޒެކްޓިވް ކޮމިޓީ އިން ވަނީ މަހްލޫފަށް އެވޯޑް އެރުވުމަށް ނިންމީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ގައުމުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ.
މި އެވޯޑަކީ އެވޯޑް ލިބޭ މީހާ ހަފްލާއަށް ސީދާ ހާޒިރުވެ އެވޯޑާ ހަވާލުވާން ޖެހޭ އެވޯޑަކަށްވާއިރު މި އޯވޯޑް ހަފްލާއަށް ހާޒިރުވެ ވަޑައިގެންނެވޭ ނަމަ ސެޕްޓެމްބަރު މަސް ފެށުމުގެ ކުރިން އަންގަވައިދެއްވުމަށް މަހުލޫފަށް ފޮނުއްވި ސިޓީގައި އަންގާފައިވެއެވެ.
މި އަހަރުގެ އެވޯޑް ހަފްލާ އޮންނާނީ ޕީޖީއޭގެ 40 ވަނަ އަހަރީ ފޯރަމާއި ކޮންސަލްޓޭޓިވް އެސެމްބްލީ އޮފް ޕާލިމެންޓޭރިއަންސް ފޮރ ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް ހަފްލާ އާއި ދެ ހަފްލާ އެކުއެކީގައެވެ.
ޔޫކްރެެއިންގެ ކިއޭވްގައި ނޮވެމްބަރު މަހުގެ 16ގައި ބާއްވާ މި ހަފްލާގައި 50 ގައުމަކުން ގާނޫނު ހަދާ މަޖިލީސްތަކުގެ 120 މެމްބަރަކު ބައިވެރިވެ ވަޑަައިގަންނަވާއިރު އެވޯޑް ލިބޭ ފަރާތުގެ ހައިސިއްޔަތުން ހަފްލާގައި ތަގްރީރު ކުރެއްވުމުގެ ފުރުސަތު ވެސް މަހުލޫފަށް ވަނީ ލިބިފައެވެ.
މީގެ ކުރިން މި އެވޯޑް ލިބިފައިވާ ބޭފުޅުންގެ ތެރޭގައި ފަނޑިޔާރު ނަވިނަތެމް ޕިއްލޭ އާއި، މޭރީ ރޮބިންސަން އާއި، ކައިލާޝް ސަތްޔަރްތީ އަދި އެމާ ބޯނިއޯ ހިމެނިވަޑައިގަންނަވައެވެ.
މަހްލޫފަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އެ ދާއިރާގެ މެމްބަރެވެ. އަދި ރާއްޖޭގެ ސިޔާސީ ދާއިރާގައި ފުންނާބު އުސް ބޭފުޅުކެވެ. ވަރަށް ޒުވާން އުމުރުން ފެށިގެން މަހްލޫފް ގެންދަވަނީ ޒުވާނުންގެ ކުރިއެރުމާ ގުޅޭ ތަފާތު އެކި ކަންކަމުގައި ވަކާލާތުކުރައްވަމުންނެވެ. އަދި ހަގު އުމުރުގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފައި ވެއެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އަރިހުގައި އިސްކޮށް މަސައްކަތްކުރެއްވުމަށް ފަހު މި ސަރުކާރު ވެރިކަމަށް ގެނައުމުގައި ވެސް މަހްލޫފްގެ ހިއްސާ ބޮޑެވެ. ނަމަވެސް ސަރުކާރުގެ އަނިޔާވެރިކަމާއި އިންސާފުން ބޭރުން ކަންކަން ކުރާ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފައެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ