ކަރަންޓު އަގު ހެޔޮކުރުމުގެ މަޝްވަރާތައް ފަށައިފި

އަތޮޅު ތެރޭގެ ކަރަންޓް އަގު ހެޔޮކުރުމުގެ ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްތަކަށް ދެމުންދާ ކަރަންޓްގެ އަގު ބޮޑު ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ. އަދި އެގޮތުން ކަރަންޓްގެ އަގު ހެޔޮކުރުމަކީ ރިޔާސީ ވައުދެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. "ވޭތުވެ ދިޔަ ހަފްތާ ތެރޭގައި ސްޓެލްކޯ އާއި ފެނަކައާއި އެކީގައި ރައީސް އޮފީހުން އަޅުގަނޑުމެން ވަނީ ބައްދަލުވުމެއް އެކަމާ [ކަރަންޓްގެ އަގު ހެޔޮކުރުމާ] ގުޅޭ ގޮތުން ބާއްވާފައި،" ރައީސް ވިދާޅުވި އެވެ. ކަރަންޓުގެ އަގު ހެޔޮކުރުމަށް ސްޓެލްކޯއާއި ފެނަކައިން އެކުލަވާލާފައިވާ ސިޔާސަތުތައް ރައީސް އޮފީހާ ހިއްސާ ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެކަމާ ގުޅޭ ދެ ވަނަ ބައްދަލުވުން ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. "ތިޔަ ބޭފުޅުން ތިބޭނުންވާ ގޮތަށް ކަރަންޓްގެ އަގަށް އިރާދަކުރެއްވިއްޔާ ބަދަލުތަކެއް ދާދި އަވަހަށް ގެނެވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ. މަސްވެރިންގެ ހަރަދުތައް ކުޑަކޮށްދީ، ކަރަންޓުގެ އަގު ހެޔޮކޮށްދިނުމަށް ޓަކައި ޑީސަލުން ނަގާ ޑިއުޓީ ކަނޑާލުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރި ބިލް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސް ސޯލިހު ވަނީ ތަސްދީގު ކުރައްވައޮފަ އެވެ. ކަރަންޓްގެ އަގު ހެޔޮކޮށްދިނުމަކީ ރައީސް ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ވެސް ވަނީ މި އަހަރަށް ލަފާކޮށް ފަސްކުރި ބަޖެޓުގައި ހިމަނައިފ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ