ސްކޫލް ޕްރިންސިޕަލްގެ ފިރިމީހާ، ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލުގައި ކިޔަވާ އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވެއްޖެއެވެ.
'އޭއޯ ނިއުސް'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ކިޔަވާ ސްކޫލުގެ ޕްރިންސިޕަލްގެ ފިރިމީހާ، ކުއްޖާ އަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް ބޭއަދަބީ ބަސްތަކުންވަނީ މެސެޖްކޮށްފައެވެ. 'އޭއޯ ނިއުސް'އަށް މައުލޫމާތު ދެމުން އެ ކުއްޖާގެ އާއިލާ މެމްބަރަކު ބުނީ ކުއްޖާއަށް އެންމެ ފުރަތަމަ ޖިންސީ ގޯނާކޮށްފައިވަނީ މިދިޔަ އަހަރު މާލޭގައި ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތަށް ގޮސް މާލޭގައި ހުއްޓާކަމަށެވެ. "އެ ކުއްޖާގެ މަންމަ އަކީ އެ ސްކޫލްގެ ޓީޗަރެއް. އޭނަވެސް އެ މުބާރާތައް މާލެ ދާން ހަމަޖެހިފައި އޮތީ އެކަމަކު ކަން ދިމާވި ގޮތުން އެ ކުއްޖާގެ މަންމައަށް މާލެ ދެވުނީ ދެ ދުވަސް ފަހުން. މަންމަ އަށް މާލެ ދެވުމުން އެ ކުއްޖާ ހުރިހާ ވާހަކައެއް ކުއްޖާގެ މަންމަ އަށް ކިޔައިދިން"އެ ފަރާތުން ބުންޏެވެ. ކުއްޖާގެ މަންމަ އަށް މި ވާހަކަ އެގުމުން ސްކޫލްގެ ޕްރިންސިޕަލްއަށް ވަގުތުން މި މައްސަލަ ހުށަހެޅިކަމަށާއި އެހެންނަމަވެސް މި ވަހަކަ އިތުރަށް ދައްކައިފިނަމަ ސްކޫލުގެ ވަޒީފާއިން އެ ކުއްޖާގެ މަންމަ ވަކިކުރާނެ ކަމަށް ބުނެ ޕްރިންސިޕަލް ބިރު ދައްކާފައިވާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.
މިހާރު ޖެންޑާ މިނިސްޓްރީއަށްވެސް މި މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލާގައި ޖެންޑާ މިނިސްޓްރީ އިން ބުނީ ދެކުނު ރަށެއްގެ ސްކޫލު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި ފުލުހުންނާއި ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ