ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމަށް ގޮވާލަމުންދާ، އދ. ގެ ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރިލިޖަން އޮފް ބިލީފް (ދީނީ މިނިވަންކަން) ކަމުގެ މަޤާމުގައި ހުރި ޑރ. އަހްމަދު ޝަހީދު މާދަމާ ލަންކާއަށް ރަސްމީ ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފިއެވެ.
ލަންކާގެ ނޫސްތަކުގައި މިކަން ހާމަކޮށް ބުނެފައިވަނީ، މާދަމާ ޝަހީދު ލަންކާއަށް ޒިޔާރަތްކުރާއިރު، މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް އެޤައުމުގައި އޭނާ ހުންނާނެ ކަމަށެވެ. ޝަހީދު ލަންކާގައި ހޭދަކުރާ ދުވަސްތަކުގައި އެޤައުމަށް މީގެ ކުރިން 2005 ވަނަ އަހަރު ޒިޔާރަތްކުރި އދ.ގެ ކުރީގެ ރެޕެޓުއާ އޮން ފްރީޑޮމް، އެޤައުމުގައި ދީނީ މިނިވަންކަން ޤާއިމްކުރުމަށް ކުރި މަޝްވަރާތަކާއި އެއްގޮތަށް ކަންކަން ހިނގަމުންދޭތޯ އާއި އެޤައުމުގައި ދީނީ މިނިވަންކަން އޮތް މިންވަރު ބަލަން ހަމަޖެހިފައި ވެއެވެ.
ޝަހީދު ލަންކާއަށް މާދަމާ ކުރާ 12 ދުވަހުގެ ދަތުރުގައި އެޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި، އެކި ދީންތަކުގެ އިސް ފަރާތްތަކާއި އަދި ދީނީ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާޢަތްތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ކޮލަމްބޯގެ އިތުރުންވެސް ބައެއް ސަރަހައްދުތަކަށް އޭނާ ދަތުރުކުރާނެ ކަމަށް ލަންކާގެ ނޫސްތައް ބުނެއެވެ.
އިސްލާމް ދީނުގެ ބައެއް އަސްލުތަކާއި އުސޫލުތަކަށް ފާޅުގައި ގޮން ޖަހާ ފާޑު ކިޔާފައިވާ ޝަހީދު ދާދި ފަހުން ވަނީ، ދިވެހިރާއްޖޭގައި ވެސް ދީނީ މިނިވަންކަން ގާއިމް ކުރަން ޖެހޭކަމަށް ދޭހަވާފަދަ ވާހަކަތައް ދައްކާފައެވެ. އެގޮތުން ރާއްޖޭގެ ކޯޓުތަކުން، ކުށްކުށުގެ އަދަބެއްގެ ގޮތުން ހައްދު ޖެހުން ހުއްޓާލުމަށްވެސް އޭނާ ގޮވާލާފައި ވެއެވެ.
ޝަހީދު އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ކަން ކޮށްފައިވާ މީހެކެވެ. އެ ދުވަސްވަރު، އދ ގައި ނެގި ފަލަސްތީނު މިނިވަން ކުރުމުގެ ވޯޓުގައި ރާއްޖޭގެ ފަރާތުން ވޯޓު ނުދޭންވެސް އޭނާ ނިންމިއެވެ. އެކަމާ ގުޅިގެން ޑރ. ޝަހީދަށް އޭރުވެސް ފާޑު ކިޔުން އަމާޒުވެފައިވެއެވެ. އޭނާ ވަނީ ނަޝީދުގެ ސަރުކާރުުގައި ރާއްޖެއާއި އިސްރާއީލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް ގާއިމް ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.
ދީނީ މިނިވަންކަން އޮތް މިންވަރު ބަލަން ޑރ. ޝަހީދު ލަންކާއަށް އެބަ ދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ