ދައުވާކުރެވެން ނެތް ކަމަށްބުނެ، ޕީޖީ ފޮނުވައިލި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގެ ރިޕޯޓް މަރު ކޮމިޝަނަށް

މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރިކަން ސާބިތުވެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ގ. ކީމާ އަލް މަރްހޫމް އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގެ އޭސީސީގެ ތަހުގީގު ރިޕޯޓް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނަށް މިއަދު ފޮނުވައިފިއެވެ.
އެ ރިޕޯޓް މިއަދު އެ ކޮމިޝަނަށް ފޮނުވިކަން އޭސީސީން ކުރި ޓްވީޓެއްގައި ވަނީ ޔަގީންކޮށްދީފައެވެ.
އެ ރިޕޯޓް އޭސީސީން އެ ކޮމިޝަން ފޮނުވާފައި މިވަނީ، އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެޗްއާރްސީއެމް އަށް އަންގާފައި ވަނިކޮށެވެ.
ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ކަންތައްތައް ހާމަކޮށް، އެޗްއާރްސީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލާގައި ހުރި ހެއްކާއި ގަރީނާއަށް ބަލާއިރު ޖިނާއީ ނިޔަތާ ގުޅޭ އެއްވެސް ކަމެއް ސާބިތުނުކުރެވޭ ކަމަށްް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށވެެ
އެ މައްސަލާގައި ޝާމިލުވާ މެޑިކަލް އޮފިސަރުންގެ އިތުރުން ޑިއުޓީ އޮފިސަރުން ދީފައިވާ ބަޔާންތަކުން އެ މައްސަލާގައި އަބްދުﷲ ރަޝީދަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބެލެވެންނެތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް ބަޔާނުގައި ހިމަނާފައިވެއެވެ
ބަޔާނުގައި ބުނެފައިވަނީ، އެފަރާތްތަކުގެ މައްޗަށް ރަސްމީ ވާޖިބު އަދާނުކޮށް ދޫކޮށްލިކަމުގެ ދައުވާއެއް ނުވަތަ އިހުމާލުގެ ދައުވާއެއް ކުރެވިދާނެކަމަށް ކާފީ ހެއްކާއި ގަރީނާ ލިބިފައިނުވާކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ލައިސަންސް ނެތި، ސިއްހީ ހިދުމަތް ދިނުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު، އެ ހާދިސާ ހިނގުމާ ހަމަޔަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މާފުށީ ޖަލުގައި ސިއްހީ ހިދުމަތްދިނުމަށް، ލައިސަންސްއެއް ހޯދާފައި ނެތުމަކީ އެކަމުގެ މައްޗަށް ބިނާކޮށް ޖިނާއީ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމެއް ނޫންކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ އޮކްޓޯބަރު 10، 2017 ވަނަ ދުވަހު އަބްދުﷲ މަރުވިއިރު، އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ޖަލުގައި ހުންނަ މެޑިކަލް ސެންޓަރުން އޮކްޓޯބަރު 7، 2017 ގަ އެވެ. އެއަށްފަހު އޮކްޓޯބަރު 9، 2017 ގައި އޭނާ އައިޖީއެމްއެޗަށް ގެންދިއުމާ ހަމައަށް ޖަލުން ތިން ފަހަރު ފަރުވާ ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ އަބްދުﷲ އަށް ފަރުވާ ދިނުމުގައި އޭރު ޖަލުގެ މެޑިކަލް ސެންޓަރުގައި ތިބި ދެ ޑޮކްޓަރުން ވެސް ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރެއް ވެސް ނޫން ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މޭ ޑޭގެ މުޒާހަރާއާ ގުޅިގެން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، ހާލު ދެރަވެ ފަރުވާ ދެމުންދަނިކޮށް އަބްދުﷲ ރަޝީދު މަރުވީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އައިޖީއެމްއެޗުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ