ރައްޔިތުންގެ ކެތްތެރި ކަމަށް ރައީސް މައުމޫން ޝުކުރު އަދާކުރައްވައިފި

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި މާލެއިން ފެންކެނޑިގެން ދިއުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ފެންނަމުންދާ ކެތްތެރި ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މައުމޫން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ކާރިސާގެ ހާލަތުގައި ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވިޔަ ނުދީ އާންމު ހާލަތަކަށް ރުޖޫއަވަންދެން ކެތްތެރިވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރައީސް މައުމޫންގެ ބަޔާނުގައި މި ހިތާމަވެރި ދަނޑިވަޅުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ޓާސްކްފޯހުގެ ބޭފުޅުންގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުން ގުޅިވަޑައިގެން ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތައް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީއަށް ލިބުނު ގެއްލުމަށް ބަލާފައި މި ވޭތުވެދިޔަ ވަގުތުތަކުގެ ތެރޭގައި ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވަމުންގެންދަވާ ޓާސްކުފޯހުގެ ޓީމުން ހޯއްދަވާފައިވާ ކުރިއެރުންތައް އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކޮށް އިހުލާސްތެރި ޝުކުރެއް އަދާކުރަމެވެ،" ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ވިދާޅުވެފައި އެވެ.
މާލެއަށް ދިމާވެފައިވާ ފެނުގެ ކާރިސާ ހިނގި ވަގުތުން ފެށިގެން މާލެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށް ރައީސް މައުމޫންގެ ބަޔާނުގައިވަނީ ވިދާޅުވެފައިވެ އެވެ. އެ ބަޔާނުގައި ފެން ބޭނުން ކުރުމުގައި ޒަރޫރީ ބޭނުންތަކަށް ފެން ބޭނުން ކުރުމަށް ރައީސް މައުމޫން ވަނީ އިލްތިމާސްކުރައްވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ