މިނިވަން މުއައްސަސާތަކަށް ލިބިދޭ ބާރުތައް ޑުޕްލިކޭޓްވާގޮތަށް ރިޔާސީ ކޮމިޝަނަށް ދޭއިރު ވިސްނަންޖެހޭ: ގާސިމް

ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކަށް، ގާނޫނުއަސާސީންނާއި ގާނޫނުތަކުން ލިބިދީފައިވާ ބާރުތައް ޑުޕްލިކޭޓްވާގޮތަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުތައް ދޭއިރު ވިސްނާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ރިޔާސީ ކޮމީޝަންތަކަށް ބާރު ދިނުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ގާސިމް ވިދާޅުވީ ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކާއި ގައުމަށާއި ރައްޔިތުންނަށް ލިބިފައިވާ އިހާނެތި ކަންކަމުގެ މައްސަލަތައް ސާފުކޮށް ބަލައި އިންސާފު ހޯދައިދޭން ޖެހޭ ކަމަށާއި ނަމަވެސް އެކަންކަން ކުރަން ޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތްއިރު، ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތައް ރަނގަޅުކޮށް އެފަދަ ބާރުތައް އެ މުއައްސަސާތަކަށް ނުދެވެންވީ ކީއްވެތޯ ގާސިމް ވަނީ ސުވާލު އުފައްދަވައިފައެވެ.
އެފަދަ މޭރުމުން ވާހަކަދެއްކެވި މެންބަރުންގެ ވާހަކަތައް ފާހަގަ ކުރައްވައި، ރައީސުލް ޖުމްހޫރިއްޔާ އުފައްދާ ކޮމިޝަނަކަށް ސިޔާސީ ނުފޫޒު ނުފޯރާނެތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ