ކްލެމެންސީ ބޯޑަށް މެމްބަރު ޝިފާއު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކަށް ޝިފާއު އައްޔަން ކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި، ކްލެމެންސީ ބޯޑަށް މަޖިލީހުން މެމްބަރެއް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުގެ ނަން ހުށަހަޅުއްވާފަ އެވެ. އެކަމަށް ތާއީދު ކުރެއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ.
މިހާތަނަށް ކްލެމެންސީ ބޯޑަށް މަޖިލީހުން ކަނޑައަޅާފައި ހުންނެވީ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އެވެ. ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަހީދު އިންތިހާބު ވެފައި ނުވާތީ، މިއަދުގެ މަޖިލީހުން ވަނީ ކްލެމެންސީ ބޯޑަށް މެމްބަރެއް ކަނޑައެޅުމަށް ނިންމައި ޝިފާއުގެ ނަން ވަނީ ހުށަހަޅުއްވާފަ އެވެ.
ކްލެމެންސީ ބޯޑަށް ޝިފާއުގެ ނަން ފިޔަވައި އިތުރު ނަމެއް ހުށަހެޅިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ