ސްޕީޑް ނިންމާނީ ރައްޔިތުން، ސަރުކާރުގެ މަސައްކަތްތައް ރަނގަޅު: ތަރުޖަމާނު

ވެރިކަމާއި ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތްތައް ކޮށްފައިވަނީ މިސަރުކާރުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ދިޔަ ނަަމަވެސް ސަރުކާރުގެ މަސައްކަތުގެ ސްޕީޑާ ދޭތެރޭ އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. އެކަމަށް ގޮތް ނިންމާނީ ރައްޔިތުން ކަމަށްވެސް ހޫދު ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ ސަރުކަރުގެ މަސައްކަތުގެ ސްޕިޑާއި ގުޅިގެން ކިތަންމެ ބައިވަރު ފާޑުކިޔުމެއް އަމާޒުވި ކަމުގައިވިޔަސް ނިމިދިޔަ ހުރިހާ ސަރުކާރަކާ އަޅާބަލާ އިރު ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި މި ސަރުކާރުގެ މަސައްކަތްތައް ފުރިހަމަވެފައި ގިނަ ވާނެ ކަމަށެވެ. އަދި އެކަން ހުރިހާ ރައްޔިތުންނަށް ފެންނަން ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ސްޕީޑު ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެ. ފާސްޓްތޯ ނުވަތަ ސްލޯ ތޯ ނުވަތަ ގޫގުލްތޯ އެ ނިންމަވާނީ ރައްޔިތުން. އެކަމަކު އަޅުގަނޑަށް އެނގޭ ކަމަކީ ބަދަލުތަކެއް އައިސްފިކަން. މިދިޔަ ހަމަސް ދުވަސް ތެރޭގައި ގައުމަށް ބޮޑު ބަދަލެއް އައިސްފި،" ހޫދު ވިދާޅުވި އެވެ.
ހޫދު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވެ މިހާތަނަށް 117 ރަށަކާ ގުޅޭ މަޝްރޫތައް ފަށާފައިވާ ކަމަށާއި މީގެތެރެއިން 41 ރަށެއްގައި މިހާރު ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވެސް ފެށިފައި ކަމަށެވެ. އަދި ބާކީ ހުރި މަސައްކަތްތައްވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
ހޫދު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ގިނަ މަޝްރޫތަކެއް ފަށާފައިވާއިރު ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި މިސަރުކާރުން ފެށި ވަރުގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ނިމިގެން ދިޔަ އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާ ކަމަށެވެ.
"ތިބޭފުޅުން ބައްލަވާ، ވޭތުވެދިޔަ ހަމަސް ތެރޭގައި ކޮން ސަރުކާރަކުންތޯ މިސާލަކަށް ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް ހިންގާފައި ހުރީ. ވަރަށް ޔަގީންކަމާ އެކު މި ދަންނަވަނީ ނުހުންނާނެ،" ހޫދު ވިދާޅުވި އެވެ.
ސަރުކާރުގެ މަސައްކަތްތައް ވަރަށް ބޮޑަށް ދިފާއުކުރައްވާ ހޫދު ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔެވުމަށް ފުރުސަތު ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ 100 ދުވަހު ޕްރޮގްރާމުގައި އެންމެ އިސްކަމެއް ދެއްވި މަސައްކަތް ކަމަށާއި އެކަން މިހާރު ފުރިހަމަވެފައިވާ ކަމަށެވެ. އަދި 213 ސްކޫލުގައި ހިލޭ ނާސްތާ ފަށުމާއި، އެސްއެމްއީ ލޯނަށް 23 މިލިއަން ރުފިޔާ މިހާތަނަށް ދީފައިވާ ކަންވެސް ހޫދު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އަލަށް ވިހާ މައިންނާއި ބައްޕައިންނަށް ލިބޭ ޗުއްޓީގެ މުއްދަތު ހަމަހަށް އިތުރުކުރުމާއި، ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުން ފަދަ ކަންކަމަކީ ސަރުކާރުން ކޮށްފައިވާ މުހިއްމު މަސައްކަތްތަކެއް ކަމުގައިވެސް ހޫދު ވަނީ ވިދާޅުވެފަ އެވެ.
ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ. އެގޮތުން ކުރިން ކޮރަޕްޝަން އާންމުވެ، އަނިޔާވެރިކަމުގެ ބިރުވެތިކަމާއި، އިންސާފު ނުލިބުމުގެ ޝަކުވާތަކުގެ އަޑުތައް އިވުނު ނަމަވެސް މިހާރު އެ އަޑުތައް ނީވޭނެ ކަމަށާއި މިހާރު އިވެމުންދަނީ ސަރުކާރުގެ މަޝްރޫއުތަކާއި ގުޅިގެން ރައްޔިތުން ދައްކާ ވާހަކަތައް ކަމުގައިވެސް ވިދާޅުވި އެވެ.
"މިކަމުންވެސް ރައްޔިތުންނަށް ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ މިނިވަންކަން ލިބިފައިވާ މިންވަރު މިހާރު ހާމަވެ،" ހޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ