ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެން ޖައްބާރު ވެރިކަމެއްކުރައްވާ، އަނިޔާވެރިކަމެއް ހިންގިއިރު، އެކަން މާއަވަހަށް ހަނދާން ނައްތާލައްވައިގެން ބައެއް ބޭފުޅުން އުޅުއްވި ނަމަވެސް އެއީ ދިވެހި ރައްޔިތުން ދުވަހަކުވެސް ހަނދާން ނެތޭނެ ދުވަސްތަކެއް ނޫންކަމަށް ނާއިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ނާއިބު ރައީސް ފައިސަލް ނަސީމު މިހެން ވިދާޅުވިއިރު، އެމަނިކުފާނު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެޕާޓީއާ ދާދިފަހުން ގުޅިވަޑައިގެންނެވި ބައެއް އިސްވެރިން ގެންދަވަނީ ރައީސް ޔާމީންގެ ދިފާއުގައި މަސައްކަތް ކުރައްވަމުން ނެވެ. އަދި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީން ވަނީ ނިންމާފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ވިސްނުންފުޅާ ދެކޮޅަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރޭ ހުޅުމާލޭގައި ބޭއްވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައި ވާހަކަފުޅު ދައްކަވާފަ އެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީން ތާއީދު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވަގުތީ ރައީސް، ރައްޔިތުންގެ މަޖިލީހުގައި ފޮނުދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރިކަލުން އިބްރާހީމް ފައިސަލް އަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ޕީޕީއެމާއި ޕީއެންސީ ކޯލިޝަނާއެކު ކުރިއަށްދާ ހުންނެވިނަމަވެސް ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އާންމު ގިނަ މެމްބަރުން ވަނީ ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދު ކުރާކަން ހާމަ ކުރައްވާފަ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، އަދި ގާސިމް ޖަލުގައި ހުންނެވު ދުވަސްވަރު އެކްޓިން ލީޑަރު، އަދި ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދުއާއި ޖުމްހޫރީ ޕާޓީގެ ރައީސް އަދި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޕީޕީއެމާއި ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފަ އެވެ.
މީގެއިތުރުން، ގާސިމްގެ އަނބިކަނބަލުން އަދި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަށާއި އެކަނިމަކުފާނުގެ ޕާޓީއަށް ނިސްބަތްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަުން ފައިސަލް ނަސީމް ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަން އިންތިހާއަށް ދިޔުމުން ދިވެހިރައްޔިތުންގެ ނިކުމެ ވޯޓުން ރައީސް ޔާމީން ބަލިކޮށްލާފައިވަނީ ރައީސް ޔާމީން ލަދު ނަންގަންޖޭހޭ ހަޑި ގޮތަކަށް ކަމަށެވެ. "ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ އޮތް، މުއައްސަސާތައް މުށުތެރޭގައި އޮތީ، އާރާބާރާއި ނުފޫޒުގަދަވެގެން ގޮސް، މުޅި ދުނިޔޭގައި ވެރިޔަކަށް ބާރު ނުލިބޭވަރަށް ބާރު ލިބުނު. ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައިގެން ކޮންކަމެއްތޯވީ. ހަޑިގޮތަކަށް، ހުތުރު ގޮތަކަށް، ބަލިވެގެން ދިޔައީ. ދިވެހިރާއްޖޭގެ ތާރީހުގައި ވާދަވެރި އިންތިހާބެއްގައި ލަދު ނުގަންނަ މިންވަރަށް މީހަކު ލަދު ގަނެގެން ދިޔައީ. ސަބަބެއް އޮވެގެން އެއީ، ސަބަބެއް އޮވެގެން. ކުރިއަނިޔާތައް އެއީ ހަނދާނުން ފޮހެވޭނެ ކަންތައްތަކެއް ނޫން. ދިވެހިރާއްޖޭގެ ތާރީހުގައި ކޮންފަދަބޮޑު ކޮރަޕްޝަނުގެ އަމަލުތަކެއްތޯ ހިންގާފައިހުރީ...ދިވެހިރައްޔިތުންގެ އެތައް ސަތޭކަ މިލިއަން ރުފިޔާ ވީނުވީއެއް ނޭނގި ގެއްލިގެން މިހޯދަނިއްޔޭ. ދަންނަވަންތޯ ވާހަކައެއް، ދެތިން ދުވަހުން، ދެތިން މަހުން މީހަކު މިލިއަނަރަކަށް ނުވާނެ. ފައިސާ ހޯދިގޮތް ބަލަންޖެހޭނެ. މިލިއަން މިލިއަނުން ލިބެންޏާ އެ ހޯދިގޮތް ބަލަންޖެހޭނެ. ހަދިޔާއެއް ނުދޭނެ. އެއީކީ ހަދިޔާއެއްގެ ގޮތުގައި ލިބޭނެ އަދަދުތަކެއް ނޫން،" ނާއިބު ރައީސް ފައިސަލް ނަސީމު ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ޔާމީންގެ ސަރުކާރުން މިލިއަނުން ހިންގި ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލެންޖޭހޭ ކަމަށާއި އެއީ ނުބަލާ ދޫކޮށްލަން ހެޔޮވާރުގެ މައްސަލަތަކެއް ނޫން ކަމަށެވެ. ދިވެހި ދައުލަތުގެ މުއައްސަސާތަކުން އެމައްސަލަތައް ބަލާނެ ކަމަށާއި ހިތުހުރި ގޮތަކަށް ކަންކަން ކުރިދުވަސް ފާއިތުވެ، މާޒީއާއެކު ގޮސްފައިވާ ކަމަށެވެ. "އަދި ދިވެހި އިރާދަކުރެއްވި ދިވެހިރާއްޖޭގެ މުއައްސަސާތަކުން މިއަދު އެކަންތައްތައް ބަލާނެ. ހިތުހުރިހާ ގޮތަކަށް ކަންތައްތައްކުރި ދުވަސް ވަނީ މާޒިވެގެން ގޮއްސަ. ވަރަށް ސާފުކޮށް މިދަންނަވަނީ ދެނެއް ދިވެހި ރައްޔިތުންނަކާ ނުކުޅެވޭނެ. އަޅުގަނޑުމެން މިތިބީ ހޭލާ، އަޅުގަނޑުމެންގެ ހަނދާނަކުން ނުނެތޭނެ. ޖައްބާރުވެރިއެއް، އަނިޔާވެރިއެއް، ކޮރަޕްޝަންގެ އަމަލުތައް ހިންގި މީހަކީ މާރަނގަޅު މީހެއްކަމަށް މަދުބަޔަކަށް ފެނުނުނަމަވެސް އެކަން ގަބޫލު ކުރާނެ ދިވެހި ރައްޔިތުންނެއް ނެތް،" ނާއިބު ރައީސް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، އިސްލާހަށް މަސައްކަތް ކުރެވޭނީ ވަކި ސިޔާސީ ޕާޓީއެއްގައި ހުރެގެން ނޫން ކަމަށާއި ބޭނުންވަނީ އިހުލާސްތެރިކަން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވާ ނައިބު ރައީސް ފައިސަލް ވިދާޅުވީ އެމަނިކުފާނަށާއި ސަރުކާރަށް 100 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށާއި ސަރުކާރުން މިހާތަނަށް ގޯސްކޮށް އެއްވެސް ކަމެއް ކުރައްވާފައި ނުވާކަމަށެވެ. "އަޅުގަނޑުމެން ކުރާ މަސައްކަތް، އަޅުގަނޑުމެންނަށް 100 ޕަސެންޓް ޔަގީން އަޅުގަނޑުމެން މިކުރަނީ ރަނގަޅު މަސައްކަތްކަން. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެއްވެސް ގޯހެއް ނެތް. މިއީ ސާފު ސީދާ ރައްޔިތުންނަށް އިނގޭކަމެއް. އެހެންވީމައި މިކަންތައްތައް ހުއްޓާލުމަށްޓަކައި އެއްވެސް ފަރާތަކުން ދޭ އިންޒާރަކަށް ދައްކާ ބިރަކަށް، ނޯ ޗާންސް (އެއްވެސް ފުރުސަތެއްނެތް). ނުސިހޭނެ، ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެ. އެދުވަސް މާޒީވެ ހިނގައްޖެ. ބިރު ގަތް ދުވަސްތަކެއްވެސް އައި، ބިރު އުޅުން ދުވަސްވެސް އައި، އެކަމަކު އެ ބިރުވެރިކަމުގެ ތެރޭގައި ޕްރެކްޓިސް ކުރަމުން، ކުރަމުން އައިސް މިއަދު މިތިބީ ފަހަނައަޅާ ގޮސްފަ، ބިރު ފަހަނައަޅާ ގޮސްފަ. ބިރުގަންނަނީ ހަމައެކަނި الله سبحانه وتعالى އަށް. އެއްވެސް އިންސާނެއްދެކެ އަޅުގަނޑުމެން ބިރެއް ނުގަނޭ. އިހުތިރާމު އަޅުގަނޑުމެން ކުރަން. އިންސާނުންނަށްވީތީވި އަޅުގަނޑުމެން އިހުތިރާމު ކުރަންޖެހޭ. ހާއްސަކޮށް، އިހުތިރާމް ހޯދަން ބޭނުންވާ މީހުނަށް އަޅުގަނޑުމެން އިހުތިރާމު ކުރާނެ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމާ ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވެ، އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތަކަށް ތާއީދުކުރާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ގޮވާލައްވާފަ އެވެ. "މުޅި ދިވެހިރާއްޖެ އަނެއްކާވެސް އެއްކޮށް ތެދުވާން ޖެހިއްޖެ. އަނިޔާވެރި ވެރިޔަކަށް ފުރުސަތު ދިނުން، އެމަގު އަޅުގަނޑުމެން ބަންދުކުރަން އެބަޖެހޭ. އަޅުގަނޑުމެން ސަރުކާރުގެ، ތިޔަ ރައްޔިތުންގެ ފައިސާ، އެތައް 100 މިލިއަނެއް ނަހަމަގޮތުގައި ނަގައި، ބޭނުންކުރި ބަޔަކު، ހާޒިރުކޮށް، އެމައްސަލަ ބަލާ، އެކަމަށް އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ. ކުށްކޮށްފައި، ރައްޔިތުންނަށް އަނިޔާ ދިން ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭނެ، މިފަދަ ފަރާތްތަކަށް ފިލާވަޅެއް ދޭންޖެހޭނެ. އެއީ ކީއްވެގެންތޯ އަޅުގަނޑުމެންގެ މުސްތަގުބަލުގެ ޅަދަރީންނަށްޓަކައި. ރަނގަޅު މުސްތަގުބަލެއް ހޯދާދިނުމަށްޓައި،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ބޭނުން، މިދިއަ އަހަރު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހިފިގޮތަށް، މަޖިލިސްވެސް ސަރުކާރަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށެވެ. ފުރުސަތަކީ އަބަދު ލިބޭނެ އެއްޗެއް ނޫން ކަމަށާއި ގެއްލޭ ފުރުސަތެއް އަދި ވަގުތެއް އަނބުރާ ނުލިބޭނެކަން ހަނދާކޮށްދެއްވަމުން ފައިސަލް ވިދާޅުވީ ގައުމު ހަމަޖެހުމަށާއި ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތް ހެދުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަންޖެހޭ ކަމަށެވެ. އެކަންކުރެވޭނީ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓުދީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެންކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ރޭ ގެ ޖަލްސާގައި ފައިސަލް ވަނީ އެމްޑީޕީގެ "އެޖެންޑާ 19" ގައިހުރީ ރަނގަޅު، އަދި ގައުމާއި ރައްޔިތުންނަށް ލާބަހުރި ކަންތައްތަކެއް ކަމަށް ވިދާޅުވެފަ އެވެ.
ޔާމީންގެ އަނިޔާވެރިކަން ގާސިމް ހަނދާން ނެތުމުން ނައިބު ރައީސް ފައިސަލް "ރަތަށް"!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ