ގައްދޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މުޒާހަރާކުރަނީ

ގދ. ގައްދޫ އިން ކަރަންޓު ކެނޑޭ މައްސަލައިގައި ޙައްލެއް ހޯދައި ނުދެވުމުން އެރަށު މީހުން ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން "ވަގުތު" އަށް އެރަށުން މައުލޫމާތު ދިން ފަރާތަކުން ބުނީ، މިއަދުވެސް ގިނައިރުތަކަކަށް ރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށާއި ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެވިފައިނުވާތީ ރައްޔިތުންނަށް ބޮޑެތި ތަކުލީފް ތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.
އިއްޔެއިން ފަށައިގެން އެކި ވަގުތުތަކުގައި ގައްދޫއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި ވާއިރު، އިއްޔެ އިރު އޮއްސުނުއިރުން ފަށައިގެން ގިނައިރުތަކެއް ވަންދެން އެރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައި ވެއެވެ. ނަމަވެސް އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތެއް ނުކޮށް އެރަށުގެ ފެނަކައިގެ ވެރިން އިއްޔެ ގދ. ތިނަދޫގައި ކުރިއަށްގެންދާ މަސްވެރިންނަށް ހާއްސަކޮށް ބޭއްވި ޖަޒީރާ ހޮޅުއަށީގައި ބައިވެރިވުމުން ވެސް ގިނަބައެއްގެ ނުރުހުން އެފަރާތްތަކަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.
ގައްދޫ އިން މައުލޫމާތު ދިން ފަރާތުން ބުނިގޮތުގައި އެރަށުން ކަރަންޓު ކެނޑޭ މައްސަލައިގައި ހައްލެއް ހޯދައި ދެވޭނެ އިރެއްވެސް ފެނަކައިން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ކުރިމަތިވަމުން ދަނީ ކުރީގެ ސަރުކާރުން ޖެނެރޭޓަރުތައް މެއިންޓެއިންކޮށް ބަލަހައްޓާފައި ނުވާތީ ކަމަށް ގައްދޫ ފެނަކައިގެ އިސް ފަރާތްތަކުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
އިއްޔެ ގައްދޫއިން ކަރަންޓު ކެނޑެން ފެށީ އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއް އިންޖީނުގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަނީ ކަރަންޓްގެ މައްސަލަ ދިމާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ