ހައްގު ނޫން ފައިސާއެއް އެކައުންޓުގައި ނުހުންނާނެ ކަމަށް ވިދާޅުވެ، އެއް މިލިއަން ޑޮލަރުގެ ރިޝްވަރު ނެންގެވި ކަމުގެ ތުހުމަތު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ދޮގު ކުރައްވައިފި އެވެ.
އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެއް މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ރިޝްވަތެއްގެ މައްސަލަ އެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އަކީ އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަސްވަރު އެވެ. ނަޝީދަށް ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ދީދީ އިންނެވި އެވެ.
އެ ތުހުމަތު ދޮގު ކުރައްވާ އަބްދުﷲ ދީދީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަތުރަމުން ދަނީ ދޮގު ވާހަކައެއް ކަމަށާއި، ޖިނާއީ ތުހުމަތެއް ކުރެވޭނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ބޭންކު އެކައުންޓުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ބޭނުންވާ ނަމަ، އެ މައުލޫމާތު ބޭންކުން ލިބޭނެ ކަމަށާއި، އެއްވެސް ހެއްކެއް ނެތި ފަތުރަމުން ދަނީ އޭނާ އާއި އޭނާގެ އާއިލާގެ ނަން ހުތުރުވާ ފަދަ ވާހަކައެއް ކަމަށް އަބްދުﷲ ދީދީ ވިދާޅުވި އެވެ.
"ފަތުރަމުންދާ ހަގީގަތާ ޚިލާފް ވާހަކަތައް ދޮގުކޮށް، ހައްގު ނޫން ފައިސާއެއް އަޅުގަނޑުގެ ނުވަތަ އަޅުގަނޑާ ގުޅުން ހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދެމެވެ،" ބަޔާނުގައި ވެއެވެ.
އޭގެ އިތުރުން ކުރެވޭ ތުހުމަތަށް ޖަވާބު ދާރީ ވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ގާނޫނީ ގޮތުން ލިބޭ ކަމަށާއި، އެކަމަކު އޭނާއާ ބެހޭ ވާހަކަ ދައްކަނީ އެފަދަ ފުރުސަތެއް ދިނުމެއް ނެތި، ނަން ކިލަނބު ކުރުމަށް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެމަނިކުފާނު ދުރަށް ޖެހިވަޑައިގެންނެވުމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު ވަނީ ގޮވާލައްވާފަ އެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ބޮޑު ކޮރަޕްޝަނެއްގެ ތުހުމަތު ކުރެވި ޖޭއެސްސީ އިން އެކަން ބަލަމުންދާއިރު، އެ ތުހުމަތުތައް ދޮގުކަން ޖޭއެސްސީން ކަށަވަރު ނުކޮށްދެނީސް އެ ފަނޑިޔާރަކު ފަނޑިޔާރުންގެ ބެންޗުގައި އިންނަވައިގެން ނުވާނެ،" ގާނޫނީ ދާއިރާގައި ތަޖުރިބާކާރު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ 21 ސެޕްޓެމްބަރ 2008 އިން ފެށިގެން 8 ޖޫން 2015 އަށް ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައެވެ. އަދި 8 ޖޫން 2015 އިން ފެށިގެން 27 ޖޫން 2018 އަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ކުރައްވާފައެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކޮށްފައިވަނީ، އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ސައީދާއި، އަލީ ހަމީދް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ދުރުކުރުމުން، 28 ޖޫން 2018 ގައެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ދޮގު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ