ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ނައިބު ރައީސްކަން ކުރެއްވި ބޭފުޅެއް ނެތް: މެމްބަރު ހަސަން

ގާނޫނު އަސާސީ އާއި އެއްގޮތަށް ނައިބު ރައީސްކަން ކޮށްފައިވާ އެއްވެސް ބޭފުޅަކު މިވަގުތު ހުރިކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވިދާޅުވެއްޖެ އެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގް ކުރެއްވުމަށް ފޮނުއްވި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ބިލް އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވެވި މައްސަލައަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ، ނައިބު ރައީސުންނަށް ކޮންމެސް ކަހަލަ އިނާޔަތެއް ދޭންވާނެ ކަމުގައެވެ. ނަމަވެސް އިނާޔަތް ދޭންވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރީމަ ކަމުގައި ހަސަން ވިދާޅުވިއެވެ.
"މިއަދު މިގައުމުގައި ނައިބު ރައީސްކަން ކޮށްފައި ތިއްބެވި ބޭފުޅުން ތިއްބެވީކީ ޢަމަލު ކުރަމުންމިދާ ގާނޫނު އަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތިން އެކަން ކޮށްގެން ކަމަކަށް އަޅުގަނޑު ނުދެކެން. އެހެން މިދަންނަވަނީ ގާނޫނު އަސާސީގައި ވެރިކަންކުރާ ގޮތާއި ނައިބު ރައީސުންގެ މަސްއޫލިއްޔަތާއި ކަންކަން ހުރިގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް. އެހެންނަމަވެސް އެ އުސޫލެއްގެ މައްޗަކަށް ނޫން އެކަން ގޮސް ނިމި މިއަދާ ހަމައަށް މިދިޔައީކީ." ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ދެ ނައިބު ރައީސުން ދިހަ އަހަރުތެރޭ ފެންނަން ޖެހޭއިރު ހަތަރު ނައިބު ރައީސުން ފާއިތުވި ދިހަ އަހަރު ފެނިގެން ހިނގައްޖެ ކަމަށެވެ. ދައުލަތުގެ މަގާމެއް އަދާކުރީތީ އެއާ ވިއްދާ އަބަދު ދައުލަތުން ލާބަޔާއި މަންފާ ހޯދަން މަސައްކަތް ކޮށްގެން ނުވާނެކަމަށް ހަސަން ވިދާޅުވިއެެވެ. ނައިބު ރައީސްކަން ކޮށްފައި ތިއްބެވި ބޭފުޅުންނަށް ބަލާލާއިރު އެބޭފުޅުންނަށް ބޮޑެތި އާމްދަނީ ލިބިވަޑައިގަންނަވާ ކަމަށާއި އެބޭފުޅުންނަށް އިނާޔަތް ދިނުމަށް ވުރެ، ފެން ބޮޑުވެގެން ހާލުގައި އުޅޭ މީހުންނަށް އެއްޗެއް ދިނުން މާ ރަނގަޅު ކަމަށް ހަސަން ވިދާޅުވިއެވެ.
މިމައްސަލައަށް ބަހުސް ކުރެއްވި ގިނަ މެމްބަރުންވަނީ ނައިބު ރައީސުންނަށް އިނާޔަތް ދިނުމާއި ދެކޮޅު ހައްދަވާފައެވެ. ބިލްގައި ވަކި މުއްދަތެއް ވަންދެން ނައިބު ރައީސްކަން ކޮށްފައިވާކަން ބަޔާންކޮށްފައި ނުވުމާއި އިންތިޚާބީ ނައިބު ރައީސް ވަކިން ފާހަގަ ކޮށްފައި ނުވުމަކީ ގިނަ މެމްބަރުން މިބިލާއި ދެކޮޅު ހައްދަވަމުން ދެއްކެވި ސަބަބުތަކެވެ.
މީގެއިތުރުން މިބިލާމެދު އަލުން ވިސްނެވުމަށްމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައިވެސް ވަނީ މިބިލްގައި ޤާނޫނު އަސާސީ އާއި ފުށުއަރާ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. އަދި ބިލް ފާސްކޮށްފިނަމަ، ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭތީ ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަންޖެހޭ ކަމަށްވެސް ސިޓީފުޅުގައި ވެއެވެ.
މިހާރު މިބިލް ފާސްކޮށްފައި އޮތް ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދޭންޖެހެއެވެ.
ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބޭ ބިލެއް މަޖިލިހުން ފާސް ކުރިއިރު، ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަތިއްބެވިއެވެ. މީގެތެރެއިން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައި ގަންނަވާނީ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ