ކޮމިޝަނަށް ބަޔާން ދިން މީހުން ހެކިބަސް ދޭން ޖެހިލުންވޭ: ނަޝީދު

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނަށް ސިއްރު ހެކިންގެ ގޮތުގައި ބަޔާން ދިން ބައެއް މީހުން މިހާރު ހެކި ބަސް ދޭން ޖެހިލުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ވެސް އިންނަވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ޝަރުއީ ނިޒާމުގައި ހެކިބަސް ނެގުމުގައި ހުރި މައްސަލަތައް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ. ޖޭއެސްސީގެ ސިޓީގައިވާ ގޮތުން ހެކި ބަސް ނެގުމުގައި އެކި ކޯޓުތަކުގައި އެކި ގޮތަށް އަމަލުކުރާއިރު، ބައެއް ކޯޓުތަކުގައި އެކި ގާޒީން އެކި ގޮތަށް އަމަލު ކުރަމުންދާ ކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ޖޭއެސްސީން ފޮނުވި ސިޓީއަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މަރުތަކުގެ މައްސަލާގައި ވެސް ކޮމިޝަނަށް ސިއްރު ހެކިންގެ ގޮތުގައި ހެކިބަސް ދިނުމަށް ފަހު، މިހާރު ހެކިބަސް ދޭން ޖެހިލުންވާ ކަމަށެވެ.
"މަރުތަކުގެ މައްސަލާގައި ހަތަރު ސިއްރު ހެއްކެއް މި ވަނީ ކަން ހިނގައިދިޔަ ގޮތް ކޮމިޝަނަށް ސާފުކޮށްދީފައި. އެ ބަޔާން ދިނުމަށް ފަހުގައި، އެ ތުހުމަތުވާ ފަރާތްތައް ބޭރުގައި ތިއްބައި، ސިއްރުން ވިޔަސް ފާޅުގައި ވިޔަސް ބައެއް ފަރާތްތަކުން ހެކިބަސް ދޭން އެބަ ޖެހިލުންވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ދެން ވިދާޅުވީ ހެކިބަސް ދިނުމަކީ ގާނޫނު އަސާސީގައި ރައްޔިތުންނަށް ހަވާލުކޮށްފައިވާ ވާޖިބެއް ކަމަށެވެ. ހައްގުތަކުގެ އިތުރުން ވާޖިބުތަކެއް ވެސް ރައްޔިތުންނަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެ ގޮތުން ޝަރީއަތަށް އަންނަން އެންގުމުން ޝަރީއަތަށް ދާން ޖެހޭނެ ކަމަށާއި އެ ތަނުގައި ތެދު ބަހުުން މުއާމަލާތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"މިއިން ވެސް އަޅުގަނޑުމެނަށް މި ފާހަގަ ވަނީ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގައި ކުރަން ޖެހޭ ދައުވާތައް މި ވަގުތުން މި ވަގުތަށް ވެސް ނުކުރެވެންވީ ސަބަބެއް އަޅުގަނޑަށް މިހާރު ވިސްނަން، ދެނެގަންނަން، ގަބޫލު ކުރަން ދަތި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މަރުތައް ތަހުގީގު ކުރާ ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވެ އެވެ. މީގެ ކުރިން މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް މަރު ކޮމިޝަނުން ވަނީ އެ ކަން ދޮގުކޮށް، ކޮމިޝަންގެ މަސައްކަތް ހިނގަމުންދާ ކަމަށް ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު މިހާރު ބޭނުންވަނީ މިހާރު ހުރި ހެކިތަކުގެ މައްޗަށް ދައުވާ ކުރެވެން ހުރި މީހުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ފެށުމަށެވެ. ނަމަވެސް ރައީސް ސޯލިހް ބޭނުން ވަނީ ކޮމިޝަންގެ ތަހުގީގު މުޅިން ފުރިހަމަ ކުރުމަށް ފަހު، ދައުވާ ކުރުމުގެ މަރުހަލާއަށް ދިއުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ