ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ވަކި ހިސާބަކުން ވަނީ ހީރޯއިންނަށް: ނަސީމް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ފަސޭހަ އިން ކުށްވެރިވާނެ ގޮތެއް އޮންނަން ޖެހޭ ކަމަށާއި އެމީހުން ވަކި ހިސާބަކުން މިހާރު ބަދަލުވަނީ "ހީރޯއިންނަށް" ކަމަށް ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ނަސީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދިމާ ވަނީ، މިކަން ކުރާ މީހުންނަށް ފަސޭހަކަމާ އެކުގައި ރެކިގަނެވޭ ފުރުސަތު އޮތުމުން ކަމަށެވެ. އެހެންވެ، އިންސާފު ހޯދައި ދޭން ތިބި މީހުން ވެސް، މި ކުށް ކުރާ މީހުން ކުށްވެރިވާނެ ގޮތަށް ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަސީމް ވިދާޅުވި ގޮތުގައި ޖިންސީ ގޯނާ ކުރާ މީހުން ހައްޔަރު ކުރާ ފަހުން، ދައްކާ ވާހަކަތައް ގަބޫލު ކުރާ ފަހަރު އަންނަ ކަމަށެވެ. އެގޮތުން، އެމީހުން ރަނގަޅު މަސައްކަތެއް ކުރަން ވެގެން "ބަކަރި ހުއިހައްޕަނީ" ކަމަށް ބުނެ، މާތް މީހަކަށް ބަދަލުވެލާ ކަމަށް ނަސީމް ވިދާޅުވިއެވެ.
"މިވެނި ކަމެއް ކޮށްފިއޭ ކިއާފައި މީސް މީޑިއާގައި އާއި ނޫހުގައި އެމީހެއްގެ ވާހަކަ އާއި ފޮޓޯ ޖަހާފައި އޮއްވައި އެމީހަކު ހައްޔަރު ކުރެވި ތިން ހަތަރު ދުވަހެއްގެ ތެރޭގައި އޭނާ ދޫކޮށްލީމަ ދެން އޭނާ މި ބުނަނީ ތިމަންނާ ބަންދު ކުރީ އަސްލުގައި ތިމަންނާގެ އަގު ވައްޓާލަން ވެގެން، ބަޔަކު މީހުން އަޑީގައި ތިބެ ކުރި ކަމެކޭ އެއީ. ތިމަންނާއަކީ އެކަހަލަ ކަމެއް ދަންނަ މީހެއް ވެސް ނޫނޭ،" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވި ގޮތުގައި އެންމެ ފަހުން ކުށްވެރިވާ ހިސާބަށް ކަންތައްތައް ދަނީ އިންސާފު ހޯދަން ނިކުންނަ މީހުންނެވެ. އެހެންވެ، ޖިންސީ ގޯނާ ކުރާ މީހުން ފަސޭހަ އިން ކުށްވެރިވާނެ ގޮތެއް އޮންނަން ޖެހޭ ކަމަށް ތަކުރާރުކޮށް ނަސީމް ވިދާޅުވިއެވެ.
"ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަކީ އެހާ ފަސޭހަ އިން ހެއްކާއި ގަރީނާ ހުންނާނެ ކަމެއް ނޫން ކިރިޔާ އެކަންކޮށްލާ އިރަށް. ހެއްކާއި ގަރީނާ ހުންނަ ހިސާބަށް ޑޮކްޓަރުގެ ރިޕޯޓުތައް ދާ އިރަށް ކުއްޖާ ހުންނާނީ އަދު ނޫން މާދަމާ އަށް ވެފައި. ކުއްޖާގެ ފުރާނަ ދާ ހިސާބަށް ގޮސްފައި އޮންނާނީ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ވިސްނުންތެރިކަމާ އެކުގައި މިކަންތައް ކުރިއަށް ގެންދަން ޖެހޭ،" ނަސީމް ވިދާޅުވިއެވެ.
ނަސީމްގެ ކުޑައިރުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ ކުޑައިރުގައި މިފަދަ ކަންކަން ވަރަށް ބޮޑަށް ފެނުނު ކަމަށެވެ. އަދި އެފަދަ ކަންކަމާ މެދުގައި އޭރާއި މިހާރު ވެސް ވަރަށް ބޮޑަށް ނަފްރަތު ކުރައްވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
"އޭރުގައި އަޅުގަނޑު ހިތަށް އަރާ އޭނާ (ޖިންސީ ގޯނާ ކުރަމުންދާ މީހާ) ދުނިޔެއިން ދުއްވާލެވޭނެ ގޮތެއް އޮންނާނެބާއޭ. އެހާ ވެސް ވިޔާނުދާކޮށް އުޅުނު މީހެއް. ދެން ފަހުން ކަން ދިމާ ކުރި ގޮތުން، އަޅުގަނޑަށް އަތުން ފައިން ގޯހެއް ނުހެދޭން ވެގެން ކަންނޭނގެ އޭނާ އަމިއްލަ އަށް ދަން ޖެހިގެން މަރުވެ ނިމިފައި އޮތީ. އެހެންވީމަ އެ ވާހަކަ ދައްކާކަށް މާ ބޮޑަކަށް ބޭނުމެއް ވެސް ނުވޭ،" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓެން އެބަޖެހެއެވެ.
ނަސީމް ވިދާޅުވީ އޭނާގެ އަށް އަހަރުގެ އަންހެން ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު ހުރި އިރު، އެ ކުދިން ސްކޫލަށް ފޮނުވަން ވެސް ބިރުގަންނަ ކަމަށެވެ. އެ ހިސާބަށް ކަންތައްތައް ދާން ޖެހުނީ މުޖުތަމައުގެ ކަންކަން ހައްދުފަހަނައެޅީމަ ކަމަށް ނަސީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ބޭނުން ކުއްޖާ ސްކޫލަށް ފޮނުވިޔަސް، އަޅުގަނޑުމެންނަށް ބެލޭނެ މެކޭނިޒަމެއް އޮންނަން. އަޅުގަނޑުމެން ބޭނުން ސްކޫލްގައި ކެމެރާ ހަރުކޮށްފައި އަޅުގަނޑު ގޭގައި، އަޅުގަނޑު ފޯނުން ކޮންމެ ވަގުތެއްގައި ލައިވްކޮށް ކުއްޖާ ސްކޫލްގައި އިންނަ މަންޒަރު ފެންނަން، އެހެން ނޫނީ އަޅުގަނޑުމެންނަށް ކޮންފިޑެންސެއް، އުންމީދެއް ނެތް." ނަސީމް ވިދާޅުވިއެވެ.
ނަސީމް ވަނީ ކުޑަކުދިން ސްކޫލަށާއި ކުޅިވަރު ކުޅޭ ތަންތަނުގައި ތިބޭ އިރު، އެ ކުދިން އުޅޭ ނޫޅޭ ގޮތް ބެލޭނެ ޓެކްނޮލަޖީއެއް ގާއިމު ކުރަން ސަރުކާރަށް ގޮވާލައްވައިފައެވެ. އެހެން ނޫނީ ޖިންސީ ގޯނާ ކުރާ މީހުން، އެ އަމަލުތައް ނުހުއްޓާނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ