އުތެމައާއި އެމްޑީއެނުން ތައްޔާރުކޮށްފައިވާ ރިޕޯޓުތައް އެކުލަވައިލި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް މަދަނީ ޖަމްޢިއްޔާތަކުގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ އިއްތިހާދުން ގޮވާލައިފިއެވެ. މިއަދު އެއިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އެއިއްތިޙާދުގެ ރައީސް ޝައިޚު މުޙައްމަދު އިބްރާހީމް ވިދާޅުވީ އެއިއްތިހާދުގެ ފަރާތުން ސަރުކާރަށް ގޮވައިލަނީ އުތެމައާއި އެމްޑީއެންގެ ފައުންޑަރުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމުގައެވެ. އަދި އެފަދައިން ފިޔަވަޅު ނޭޅުމަކީ ވަގަކު ވައްކަން ކުރުމުން ހައްޔަރުކުރުމަށްފަހު، އޭނާގެ އަތުގައި އޮތް ދަބަސް އަތުލުމަށްފަހު ދޫކޮށްލުން ފަދަ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. "މާނައެއް ނެތް ގޮތެއްގައި ނުވަތަ ޤާނޫނުތައް ޖޯކަކަށްވާ ބީދައަކުން ޤާނޫނުތަކުގެ ބާރު ކެނޑިގެން ދިއުމަކީ އަޅުގަނޑުމެން އެއްވެސް ދިވެއްސަކު އެދޭނެ ކަމެއް ނޫން. އެހެންކަމުން ސިވިލް ސޮސައިޓީތަކުން އަޅުގަނޑުމެން އިއްތިޙާދެއް ހަނދައިގެން ނުކުތީ، ފުލުހުންނާއި ދީނީ ޢިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީ އެކުވެފެން ހެދިފައިވާ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާޢިދާއި، ހޯމް މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ޢާންމު މިންގަނޑުތަކާ ޚިލާފުވުމުގެ ޤަވާޢިދާއި، މިޤާނޫނުތައް ނަގަހައްޓައި ތަންފީޒުކޮށް އެކަން ކަމުގައި އުޅުއްވާ ބޭފުޅުންނަށް އެހީތެރިވުމުގެ ގޮތުން" އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ 140 ކައުންސިލަށް ބާރު ދިނުމާއި، ފުލުހުންނަށް ޤާނޫނުތައް ތަންފީޒުކުރުމުގައި ހުރި ހުރަސްތައް ގިރާކުރުމަށް އެހީތެރިވުމުގެ ގޮތުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް އެއިއްތިހާދުންވަނީ ސަރުކާރަށް ބައެއްް ސުވާލުވެސް އަމާޒުކޮށްފައެވެ. އެގޮތުން ރައީސް ޞާލިޙު ލާދީނީ ކަންކަން ހުއްޓުވުމަށް އުފެއްދެވި ކޮމިޓީ މިހައިރު ކޮބައިތޯއާއި އެކޮމިޓީން ކުރަމުންދަނީ ކޮން މަސައްކަތެއްތޯއާއި، އެކޮމިޓީއާ ބައްދަލުކުރެއްވޭނީ ކިހިނެއްތޯވެސް އެއިއްތިހާދުން ސުވާލު އުފެއްދިއެވެ. އަދި އެމްޑީއެން މައްސަލާގައި ފުލުހުންގެ ތަހުގީގު ރިޕޯޓު ޢާންމުނުކުރާ ސަބަބާއި އުތެމައާ ގުޅިގެން އެއްވެސް ވާހަކައެއް ސަރުކާރުން ނުދައްކާ ސަބަބާމެދުވެސް އެޖަމްޢިއްޔާއިން ސުވާލުކުރިއެވެ. އޭގެ އިތުރަށް ފެއިތު ރިކަވަރީ ކޮމިޝަނުގެ ނަމުގައި ޚާއްޞަ ކޮމިޝަނެއް އެކުލަވައިލުމަށްވެސް އެއިއްތިހާދުން ގޮވާލާފައިވެއެވެ. އަދި ރައީސް އޮފީހުގައި ތިއްބެވި އުތެމައަށް ނިސްބަތްވާ ބޭފުޅުން މަޤާމުތަކުން ވަކިނުކުރައްވަނީ ކީއްވެތޯވެސް ސަރުކާރަށް މިޖަމްޢިއްޔާއިން ސުވާލު އަމާޒުކުރެއެވެ. އަދި އެއިއްތިހާދުން ބުނި ގޮތުގައި އެއް ޖިންސުން ގުޅުން ހިންގުމަކީ އޯކޭ ކަމެއް ކަމުގައި ފާޅުގައި ގޮވާއިރު އެކަންކަމަށް ފިޔަވަޅު ނާޅާ ސަބަބަކީ ކޮބައިތޯއާއި އެކަން އައު ޤާނޫނަކުން ނުވަތަ ޤަވާޢިދަތަކުން ހުއްދަވީތޯވެސް އެއިއްތިހާދުން ސުވާލު އުފެއްދިއެވެ. އަދި މިހާރު ހިނގަމުންދާ ކަންކަމަކީ އިސްލާމް ދީނުގެ ދިފާޢުގައި ޒިންމާދާރުކަމާއެކު މަސައްކަތް ނުކުރާތީ މެދުވެރިވާ ކަންކަމުގައާއި އެކަންކަމަށް ހައްލު ލިބޭނީ އިސްލާމްދީން ނަގަހައްޓައިގެން ކަމުގައި ސަރުކާރުގެ ވެރިން ޤަބޫލުނުކުރައްވަނީތޯވެސް އިއްތިހާދުން ސުވާލު އުފައްދަވައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އުތެމައާއި އެމްޑީއެންގެ މުއައްސިސުންނަށް ޤާނޫނީ ފިޔަވަޅު އަޅަން ގޮވައިލަން: ރައްޔިތުންގެ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ