ގެސްޓްހައުސްތަކުގެ ފެނާއި ކަރަންޓް ބިލުތައް ހަމަހަށް ބަހާލައިގެން ދެއްކޭ ގޮތަށް ހަމަޖައްސައިފި

ގެސްޓްހައުސްތަކުގެ ފެން ބިލް ތަކާއި ކަރަންޓް ބިލުތަކަށް ދައްކަން ޖެހޭ ފައިސާ ހަ މަސްދުވަހަށް ބަހާލައިގެން ދެއްކޭގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ، ވަނީ ކޮވިޑް 19 އާ ގުޅިގެން ގިނަ ދުވަސް ތަކަކަށް ގެސްޓްހައުސްތައް ބަންދުވެފައި ހުރުމުގެ ސަބަބުން ކުރިމަތިި ވި މާލީ ދަތިކަމާހުރެ ގެސްޓްހައުސްތައް ހުޅުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވި މައްސަލައިގައި، ލުއިތަކެއް ހޯދުމަށް ގެސްޓުހައުސްތަކުން، ގެސްޓުހައުސް އެސޯސިއޭޝަނަށް ހުށަހެޅުމުން އެ އެސޯސިއޭޝަނުން ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމުންނެވެ.
އެ އެސޯސިއޭޝަން ގެސްޓުހައުސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ގެސްޓުހައުސްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން، ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް، ކަމާބެހޭ ފަރާތްތަކާ ކުރި މަޝްވަރާތަކުން، މިދިޔަ ޑިސެމްބަރުމަހުން ފެށިގެން މިއަހަރުގެ ޖުލައިމަހާ ހަމަޔަށް ނުދެއްކި ހުރި ބިލްތައް މިއަހަރުގެ ނޮވެމްބަރުމަހުން ފެށިގެން 6 މަސްދުވަހަށް ނިޔަލަށް ބަހާލައިގެން ދެއްކޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ކަމަކީ، ސްޓެލްކޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއިއެކު ލިބުނު ވަރަށް ބޮޑު ލުޔެއްކަމަށްވެސް ބުނެފައި ވެއެވެ.
އެހެންކަމުން އެ ކުންފުނިތަކާ ގުޅައިގެން، ކަނޑައެޅިފައިވާ މުއްދަތުގައި ފެންބިލުތަކާއި ކަރަންޓް ބިލުތަކަށް، ފައިސާދައްކާނެ ގޮތަކާމެދު ވާހަކަ ދެއްކުމަށް އެދޭ ކަމަށްވެސް އެސޯސިއޭޝަނުން ބުނެފައި ވެއެވެ.
ކޮވިޑް 19 އަށްފަހު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާއިލީ މިމަހުގެ 15 ގައެވެ.
އެއާއެކު މާލޭ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓު ހައުސްތައް ވަނީ ޓްރާންސިޓް ހޮޓާތަކުގެ ގޮތުގައި ބޭނުން ކުރަން ފަށައިފައެވެ. ނަމަވެސް ކޮވިޑަށްފަހު ގެސްޓްހައުސްތައް ހުޅުވައިލަން ނިންމައިފައި ވަނީ އަންނަ އޯގަސްޓް މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ