ފުލުހުންގެ ގަޔަށް ކުޅުޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫން

އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހަށް ކުޅުޖެހި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ފުލުހުންގެ ގަޔަށް ހައްޕުނޑު ކުޅު ޖެހުމުގެ ނާތަހުޒީބު އަދި ދަށްފެންވަރުގެ އަމަލު ކުށްވެރި ކުރައްވާކަމަށެވެ. އަދި މިކަން ކުރި ފަރާތްތަކުން އިންސާފުގެ ކުރިމައްޗަށް ގެނެވެން ވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން އަމަން ބަލަހައްޓަމުންދިޔަ ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިއެއް ނުވަތަ ބައިވެރިންތަކެއް ކުޅު ޖަހާފައިވާ ކަމަށެވެ. މިއާއި އެކު އެ ފުލުހުންގެ ހައްޕުނޑު ކުޅު ޖަހާފައިވާ ފޮޓޯއެއް ހަމީދު ވަނީ ޓްވީޓްކުރައްވާފައެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ މިވަގުތު ގައުމު މިއޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި، އެގޮތުން މިއަދަކީ އެންމެ ގިނަ އަދަދެއްގެ ދިވެހިން ޕޮޒިޓިވްވި ދުވަސް ކަމަށެވެ.
ސީޕީ ހަމީދު ވަނީ މި ނާތަހުޒީބު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. ފުލުހުންގެ ކުޅު ޖެހި މައްސަލަ ގިނަބަޔަކު ދަނީ ކުށްވެރިކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ