އާއްމުންނަށް އުނދަގޫ ނުވާ ގޮތަށް ވެހިކަލް ޕާކުކުރަން އިލްތިމާސްކޮށްފި

އާއްމުންގެ ގެދޮރާއި ފިހާރަތަކާއިި މިސްކިތް ފަދަ ތަންތަނަށް ވަދެ ނިކުމެ އުޅެން ދަތިވާ ގޮތަށް، އެ ތަންތަނުގެ ދޮރުމައްޗާއި ގޯޅި ކަންމަތިތަކުގައި ޕާކުނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ. ފުލުހުން ބުނީ އެއްވެސް ތަރުތީބެއް ނެތި ވެހިކަލްތައް ޕާކުކުރުމުން، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ވެސް ދަތިތަކެއް ކުރިމަތިވެ އެކަމުގެ ޝަކުވާ ގިނަ އަދަދަކަށް ހުށަހަޅަމުންދާ ކަމަށެވެ. ތަރުތީބެއް ނެތި ވެހިކަލް ޕާކުކުރާތީ މަގުތައް ބްލޮކްވުމާއި ފިހާރަތަކާއި ބައެއް ފަހަރު އަމިއްލަ ގެއަށް ވަދެ ނިކުތުމުގެ ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ހުށަަހަޅާ ކަމަށް ވެސް ފުލުހުން ބުންޏެވެ. "... ތަރުތީބެއް ނެތި އެއްގަމު އުޅަނދު ޕާކްކުރުމަކީ އެކަމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ދަތި އުނދަގޫތައް ފޯރުމުގެ އިތުރުން ހީވެސް ނުކުރާފަދަ ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވެދާނެ ސަބަބެއް ވެސްމެ އެވެ. އެކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވާކަން ވެސް ފާހަގަކުރެވެ އެވެ،" ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ޕާކުކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ފިޔަވަޅު އެޅުމުގައި މިހާރު ވެސް ބޮޑަށް ބަލަނީ ރައްޔިތުންނަށް ދަތިވާ ގޮތަށް ޕާކުކުރާ މީހުންނާ މެދު ފިޔަވަޅުއަޅަން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއްގަމު އުޅަނދު ޕާކްކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ޕާކް ކުރުމުގެ ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 250ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ދެވަނަ ފަހަރު 500ރ.، އިން ޖޫރިމަނާ ކުރާއިރު، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 750ރ. އިން ޖުރިމަނާ ކުރާނެ އެވެ. އާއްމުންނަށް ދަތިނުވާ ގޮތަށް ޕާކުކުރަން ފުލުހުން އިލްތިމާސްކުރިއިރު، މާލޭގައި ވެހިކަލްތަކުގެ އަދަދު އިތުރުވެ، މަގުތަކުގައި ޕާކުކުރާނެ ޖާގަ ނެތުމުގެ ޝަކުވާ އާއްމުން ދަނީ ކުރަމުންނެވެ. އެ މައްސަލަ އަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކަމާބެހޭ އެކި އިދާރާތަކުން ބުނެފައިވީ ނަމަވެސް ޕާކުކުރާނެ ޖާގަ ނެތް މައްސަލަ އަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ