ގާނޫނު އަސާސީ ހުއްޓުމަކަށް އަންނާނެ ގޮތެއް ނޯންނާނެ: ގާސިމް

ގާނޫނު އަސާސީ ހުއްޓުމަކަށް އަންނާނެ އެއްވެސް ގޮތެއް ގާނޫނު އަސާސީގައި ކަނޑައަޅާފައި ނުވާ ކަމަށް ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ކުރީގެ ރައީސްކަން އަދި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާއި ބައްދަލު ކުރައްވާ ގާސިމް ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލާފައިވަނީ ބާރުތައް ވަކި ކުރެވި އެއްބާރު އަނެއްބާރު ގުޅިފައި އޮންނަ ގޮތަށް ކަމަށާއި އެހެންކަމުން ގައުމުގައި ދިމާވާ މައްސަލައެއްގެ ސަބަބުން ގާނޫނު އަސާސީ ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނުމުގެ ޖާގަ އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.
ގާސިމް މިހެން ވިދާޅުވެފައި މިވަނީ އިއްޔެ އިންތިހާބު ބޭއްވުން ފުލުހުން ހުއްޓުވީ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ދެއްކެވި ވާހަކަފުޅެއްގައި ގާނޫނު އަސާސީ ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ގާސިމް ވިދާޅުވީ ރައީސަކު ނެތް ހާލަތެއް އަތުވެއްޖެނަމަ އަމަލު ކުރަންޖެހޭނެ ގޮތާއި، ވަކިވަކި ބާރުތަކުން ކަންތައްތައް ކުރާ ގޮތަކުން އަމަލު ކުރަންޖެހޭނެ ގޮތް ގާނޫނު އަސާސީއާ ކަމާއި ގުޅޭ ގާނޫނު ތަކުގައި ކަނޑައެޅިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ ހުއްޓުމަކަށް އައިސްފައިވާކަމަށް ގާނޫނު އަސާސީގެ މާއްދާއަކުން އުފައްދާފައިވާ ކޮމިޝަނަކުން ބުނުމަކީ ހައިރާންވާ ކަމެއް ކަމަށެވެ.
"ނުބުނެވޭނެ އިނގޭތޯ ގާނޫނު އަސާސީ މިއޮތީ ހުއްޓީފައޭ. އެއީ ގާނޫނު އަސާސީ ހުއްޓުމަކަށް އަންނާނެ އެއްވެސް ގޮތެއް ގާނޫނަކުވެސް ގާނޫނު އަސާސީއަކުވެސް ނޯންނާނެ ކަނޑައަޅާފައެއް. ރައީސަކު މަރުވެގެން ނުވަތަ އިސްތިއުފާ ދެއްވައިފިނަމަ ނައިބް ރައީސަކު ހުވާ ކުރައްވަންޖެހޭނެ ރައީސްކަމަށް. މިގޮތަށް ހުރިހާ ކަމެއްވެސް ބަޔާންކޮށްފައިވަނީ ޤާނޫނު އަސާސީގައި" ގާސިމް ވިދާޅުވިއެވެ.
ގާނޫނު އަސާސީ ހުއްޓީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވާތީ ޖުމްހޫރީ ގުޅުމުން ބުނީ ގާނޫނު އަސާސީ ހުއްޓުމަކަށް އައިސްފަވާކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ