ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ގާސިމް

އަންނަ އަހަރަށް ލަފާކުރާ 14 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރަރަކަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އައްޔަންކޮށްފި އެވެ. މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމިޓީގެ 22 މެމްބަރުން ހިމެނޭ، ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް ގާސިމް އައްޔަންކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވި 13 މެމްބަރުންގެ އިއްތިފާގުންނެވެ. މިދިޔަ އަހަރު ވެސް ބަޖެޓް ކޮމިޓީގެ މުގައްރިރަކީ ގާސިމެވެ. ބަޖެޓް ކޮމިޓީގެ ނައިބު މުގައްރިރަކަށް ހޮވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ނިންމި ކަންކަމުގެ ތެރޭގައި މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ ބަޖެޓާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް މާދަމާ އިން ފެށިގެން އެ މުއައްސަސާތަކާ ބައްދަލުކުރަން ފެށުމަށް ނިންމި އެވެ. އަދި ބަޖެޓާ ބެހޭ ގޮތުން އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމާއި އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބްގެ ޕްރޮފެޝަނަލް ލަފާ ޑިސެމްބަރު 8 ގައި ކޮމެޓީ އަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ޑިސެމްބަރު 13 ގެ ނިޔަލަށް ކޮމެޓީން ބަޖެޓް ދިރާސާކޮށް ނިންމައި، ޑިސެމްބަރު 15 ވަނަ ދުވަހު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުވުމަށް ނިންމި އެވެ. ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ މިދިޔަ އަހަރު ބަޖެޓް ކޮމިޓީ ކުރިއަށް ގެންދިޔަ ގޮތަށް ކަންކަން ކުރުކޮށްލައިގެން ކުރިއަށް ނުގެންދިއުމަށެވެ. އަދި ކޮމިޓީގެ ރިޕޯޓް ކޮމެޓީގެ މެމްބަރުން ބެއްލެވުމަށް ފަހު ނޫނީ މަޖިލީހުގެ ރައީސަށް ނުފޮނުއްވުމަށް ވެސް ބައެއް މެމްބަރުން އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ