މާލޭ ސިޓީ ކައުންސިލު އުވާލަން ވިލިމާފަންނު ދާއިރާގެ މެމްބަރު ގޮވާލައްވައިފި

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލު އުވާލަން ޕީޕިއެމަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ވިލިމާފަންނޫ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފިއެވެ.
ޕީޕީއެމްގެ އޮފީހުގެ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންމެ އަހަރަކު 140 މިލިޔަން ރުފިޔާ ސިޓީ ކައުންސިލަށް ދެމުންގެންދާ އިރު މިހާތަނަށް މަގުމަތީގައި ފެންފޯއް ރުށް ޖެހުމާއި ނަލަހިޔާ ކައިރީގައި ބުރެއް ހެދުން ނޫން އެހެން ކަމެއް ކުރެވިފައި ނުވާ ކަމަށެވެ.
ނިހާންވަނީ ސިޓީ ކައުންސިލުގައި ތިއްބެވި ކޮންމެ މެމްބަރަކު ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މާލޭ ހުޅަނގު ބަނދަރު ސަރަހައްދުން ބިންތަކަކާއި ކާނިވާ ސަރަހައްދުން ބިންތަކެއް ދޫކުރުމަށް ނިންމާފައިވަނީ އެމްޑީޕީގެ ކެމްޕޭނަށް ފައިސާ ހޯދުމަށް ކަމަށް ވެސް ނިހާން ތުހުމަތު ކުރެއްވިއެވެ.
ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ސިޓީ ކައުންސިލާ ބެހޭ ގޮތުން އުފުލިފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގުކޮށް ދިނުމަށް ވެސް ނިހާނު ގޮވާލެއްވިއެވެ.
ނިހާނު ވިދާޅުވީ ހުޅަނގު ބަނދަރު ސަރަހައްދުން ބިންތަކެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ އިރު ސެކިއުރިޓީއެއްގެ ގޮތުގައި ފަސް މިލިޔަން ރުފިޔާ ހުށަހަޅަން ޖެހޭ ކަމަށާއި މިއީ ވަކި ބަޔަކަށް އެތަންތަން ދޫކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ