ހާއްސަ ހަފުލާއެއްގައި ދަގަނޑޭއާ ހަވީރު އެވޯޑް ހަވާލުކޮށްފި
ހަވީރުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އަދި ރަންބޫޓް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ހަވީރުގެ އެވޯޑް މިރޭ ހަވާލުކޮށްފި އެވެ. ދަގަނޑޭ މިހާރު ކުޅޭ މެލޭޝިއާ ކްލަބުގެ މުހިއްމު މެޗެއް އޮތުމުން، މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގައި ބައިވެރިނުވެވުނު އިރު، ދަގަނޑޭ އަށް އެވޯޑް ރަސްމީކޮށް ހަވާލުކުރީ މިރޭ ސީހައުސްގައި ބްރެސެރީގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. ދަގަނޑޭ މިވަގުތު މާލޭގައި ހުރީ ކުރު ޗުއްޓީއެއްގަ އެވެ. މިރޭގެ ހަފުލާގައި މޮޅު ކުޅުންތެރިޔާގެ ޓްރޮފީ އާއި ރަންބޫޓުގެ އިތުރުން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިކްސްޓިކްސް އިން އެކުލަވާލި މިދިޔަ އަހަރުގެ ދުނިޔޭގެ ލަނޑު ލިސްޓުގެ ދެ ވަނަ ހޯދާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަވީރު ސްޕޯޓްސް އެވޯޑްސް އިން ދަގަނޑޭ އަށް ދޭ ހާއްސަ ފިލާ ހަވާލުކުރެވުނެވެ. ދަގަނޑޭ އަށް ހަވީރުގެ ޓްރޮފީ ހަވާލުކޮށްދެއްވީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިނެވެ. ރަންބޫޓު ހަވާލުކޮށްދެއްވީ ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރު އެސްޓީއޯގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އަދި ހަވީރުގެ ހާއްސަ ފިލާ ހަވާލުކޮށްދެއްވީ އެވޯޑުގެ ޕާޓްނަރެއް ކަމަށްވާ މޯލްޑިވިއަންގެ ހެޑް އޮފް ކޮމާޝަލް މުހައްމަދު އިމްތިޔާޒް ފަހުމީ އެވެ. "ވަރަށް އުފާވެއްޖެ،" ދަގަނޑޭ ބުންޏެވެ. "އެވޯޑް ހަފުލާގައި ބައިވެރިނުވެވުނު ނަމަވެސް މިފަދަ ގޮތަކަށް ނަމަވެސް މިކަމުގައި ބައިވެރިވެވި އެވޯޑާ ހަވާލުވެވުމަކީ ބޮޑު އުފަލެއް." މިރޭގެ ހަފުލާގައި ދަގަނޑޭ ބައިވެރިވަނީ. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު މިރޭގެ ހަފުލާގައި ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުންނާއި އިސް ޖަޖުންނާއި ދަގަނޑޭގެ އާއިލާގެ މެމްބަރުންގެ އިތުރުން ބައެއް ކުޅުންތެރިން ވެސް ބައިވެރިވި އެވެ. ދަގަނޑޭ ވަނީ މިދިޔަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ. އޭނާ ރަންބޫޓް ކާމިޔަބުކުރީ 58 ލަނޑު ޖަހައިގެންނެވެ. އެއާ އެކު އޭނާ ވަނީ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އާކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ޖެހި ލަނޑުތަކާއެކު، އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމާއި ސާފް ޗެމްޕިއަންޝިޕުގެ އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ. އޭނާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓަރީ އެންޑް ސްޓެޓިކްސްޓިކްސްގެ ދުނިޔޭގެ ލަނޑު ލިސްޓުގެ ދެ ވަނަ ހޯދީ ގައުމީ ޓީމާއި އޭއެފްސީ ކަޕުގައި ނިއު އަށް ޖަހައިދިން ލަނޑުތަކާ އެކު އެވެ. މި ލިސްޓުގެ އެއް ވަނަ ލިބުނީ ރެއާލް މެޑްރިޑުގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ދަގަނޑޭ އަކީ މިދިޔަ އަހަރު އިންޓަނޭޝަނަލް 'އޭ' ފެންވަރުގެ މެޗުތަކުގައި މުޅި ދުނިޔެއިން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މިއީ ދިވެހިރާއްޖެ އަށް ލިބުނު ރީތި ނަމަކާއި ޝަރަފެކެވެ. މިރޭގެ ހަފުލާގައި ބައިވެރިވި ބައެއް ކުޅުންތެރިންނާއި ދަގަނޑޭގެ އާއިލާގެ ބައެއް މެމްބަރުން. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު ހަވީރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ދަގަނޑޭ އަށް ލިބުނީ 2،921 ޕޮއިންޓް ލިބިގެންނެވެ. ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ދަގަނޑޭއާ އެންމެ ގާތުން ވާދަކުރީ 2012 ވަނަ އަހަރު މި މަގާމު ހޯދި ނިއު ރޭޑިއަންޓްގެ މުހައްމަދު އުމެއިރެވެ. އުމެއިރަށް ލިބުނީ 1،954 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔައީ 2010 ވަނަ އަހަރު މި މަގާމު ހޯދި މާޒިޔާގެ މުހައްމަދު އާރިފް (ބަކާ) އެވެ. ބަކާ އަށް ލިބުނީ 1،034 ޕޮއިންޓެވެ. މި މަގާމަށް ދެން ވާދަކުރި ނިއުގެ އަލީ ފާސިރު (ސެންޓޭ) އަށް ލިބުނީ 870 ޕޮއިންޓެވެ. ނިއުގެ އަހުމަދު ނިޔާޒް (ނިޔާ) އަށް ލިބުނީ 758 ޕޮއިންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ