މެމްބަރު އާޒިމްގެ ބަންދަށް 10 ދުވަސް ޖަހައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ހައްޔަރުކުރުމާ ގުޅިގެން އެމްޑީޕީން ކުރި މުޒާހަރާގައި ހައްޔަރުކުރި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރުކޮށްފި އެވެ. ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގ. ދޫވެހި ކައިރި އަށް އެއްވާން އުޅުނު މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާޒިމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގަ އެވެ. މުޒާހަރާގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު އޭގެ ތެރޭގައި އާޒިމް ހިމެނިވަޑައިގަންނަވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް އާޒިމްގެ ވަކީލް ނާޒިމް އަބްދުއްސައްތާރު އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ. ޖަސްޓިސް ބިލްޑިން ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އާޒިމްގެ މުއްދަތުގެ މަރުހަލާގައި، އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ނުވާ ކަމަށެވެ. އެހެންކަމުން އާޒިމް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ވާހަކައަކީ ދޮގެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ފުލުުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންނާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްގެން ކަމަށް ބުނެ، މުޒާހަރާގެ ތެރެއިން 10 މީހަކު ރޭ ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން، އަންހެނަކާއި ކުޑަކުއްޖަކަށް ނަސޭހަތް ދިނުމަށް ފަހު ރޭ ދޫކޮށްލާފައި ވިޔަސް، ބާކީ ތިބި އެންމެން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލުމާ އެކު، ނަޝީދު އިއްޔެ ހަވީރު ހައްޔަރުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އިއްޔެ އާއި ރޭ ވަނީ މާލޭގައި މުޒާހަރާކޮށްފަ އެވެ. އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ބޭއްވި މި މުޒާހަރާގައި މީހުން އެއްވެފައި ވަނީ ޗާންދަނީމަގު، ސީގަލް ކެފޭ ކަންމައްޗަށާއި ރައީސް ޔާމީންގެ ގެ ކައިރި އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ