އާންމުން ނުމެރުމަށް މުއްލާ އުމަރު އަންގައިފި

ކާބުލް (ނޮވެމްބަރު 5) - ތާލިބާނުންގެ ހަމަލާތަކުގައި އާންމުން މަރުވާ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް، އާންމުން ނުމެރުމަށް އެ ޖަމާއަތުގެ ލީޑަރު މުއްލާ އުމަރު އޭނާގެ ހަނގުރާމަވެރިންނަށް އަންގައިފި އެވެ. ތާލިބާނުންގެ ވެބްސައިޓެއްގައި އިއްޔެ އާންމުކުރި ބަޔާނެއްގައި މުއްލާ އުމަރާ ހަވާލާދީ އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އާންމުންނަށް ގެއްލުން ނުލިބޭ ގޮތަށް ހުރިހާ މުޖާހިދުން ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަފްޣާނިސްތާނުގައި ތިބި ބިދޭސީ ސިފައިން އެ ގައުމަށް ފައިބަން ޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ބަޔާނުގައި މުއްލާ އުމަރު ވަނީ އާންމުންނަށް ހަމަލާދީ މަރާ ހަނގުރާމަވެރިންނަށް އިސްލާމީ ޝަރީއާގެ ދަށުން އަދަބު ދޭނެ ކަމަށް ބުނެފަ އެވެ. އދ. އިން ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭ އަފްޣާނިސްތާނުގައި މަރުވި އާންމުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ހަމަލާތަކުގައި މަރުވި އާންމުންގެ ތެރެއިން 80 ޕަސެންޓަކީ ތާލިބާން ހަނގުރާމަވެރިން ހަމަލާތަކުގައި މަރުވި މީހުން ކަމަށް ވެސް ބުނެފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭ އަފްޣާނިސްތާނުގައި ވަނީ އެކި ހަމަލާތަކުގައި 1،462 މީހުން މަރުވެފަ އެވެ. އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްޣާނިސްތާނު ހިފައި، އެ ޖަމާއަތުގެ ވެރިކަން ވައްޓާލި ފަހުން މުއްލާ އުމަރު ފެނިފައެއް ނުވެ އެވެ. ޖުލައި މަހު ތާލިބާނުން ވަނީ އެ މީހުންގެ ހަނގުރާމަވެރިންގެ ފޯނުތައް އެމެރިކާ އިން ހެކްކޮށް، މުއްލާ އުމަރު މަރުވެއްޖެ ކަމަށް ބުނެ އެ ފޯނުތަކުން ނޫސްވެރިންނަށް މެސެޖު ފޮނުވާ ކަމަށް ބުނެފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ