އެމްސީ ހަމީދު ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށް ކޯޓުން ހުކުމްކޮށްފި
ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް އާންމު ފަރާތްތަކާ ހިއްސާކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) އަށް ވަޒީފާދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެގޮތަށް ހުކުމްކުރީ ހަމީދު ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ އޭނާގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހު އެވެ. ފުލުހުންގެ ސިއްރު މައުލޫމާތުތައް އާންމުކުރިކަމުގެ ތުހުމަތުގައި ފުލުހުން ކުރިން އޭނާ ހައްޔަރު ވެސް ކުރި އެވެ. ސިވިލް ކޯޓުން އިއްވި ހުކުމުގައި ވަނީ ހަމީދުގެ މައްޗަށް ކުރެވެނީ ޖިނާއީ ކުށެއްގެ ތުހުމަތު ކަމަށްވާއިރު ޖިނާއީ އަދުލުގެ ނިޒާމުގެ ބޭރުން އޭނާ ވަޒީފާއިން ވަކިކުރުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އެއް ކުށަކަށް ދެ ފަހަރު އަދަބު ދިނުން ކަމަށް ބަލަންޖެހޭ ކަމަށެވެ. އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރި ކުރުން ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި، އޭނާ ކުރިން ހުންނެވި ވަޒީފާއާ އެއް ފެންވަރުގެ ވަޒީފާއެއް ދިނުމަށާއި އޭނާ ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް އެ ހުކުމުގައިވަނީ އަންގައިފަ އެވެ. އަދި ހަމީދަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި މަގާމުގެ ކުރިއެރުން ދިނުމުގައި މެދުކެނޑުނު މުއްދަތު ގުޅުވުމަށް ވެސް ގާޒީ މަރިޔަމް ނިހާޔަތު އިއްވެވި ހުކުމުގައި ފުލުހުންނަށް އަންގާފައިވެ އެވެ. ކޯޓުގެ ހުކުމުގައި ރިއާޔަތްކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން ކޮމިޝަނުން ވަކިކުރި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށެވެ. އެ ހުކުމް ކުރި ފަހުން ހައި ކޯޓުން ކުރި ހުކުމެއް ވަނީ ފަހުމީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ އުސޫލަކީ ވަޒީފާއާބެހޭ ގާނޫނުގެ ތެރެއިން ވަޒީފާ ލިބިފައިވާ ފަރާތްތަކުގެ މައްޗަށް ހިނގާނެ އުސޫލެއް ނޫން ކަމަށާއި ސަބަބަކީ ފަހުމީއަކީ މިނިވަން މުއައްސަސާއެއްގެ މަގާމެއްގައި ހުރި މީހެއް ކަމަށްވާތީ ކަމަށެވެ. އެހެންކަމުން ކުށް ސާބިތުނުވިޔަސް އިދާރީ ފިޔަވަޅު އެޅުމުގެ ގޮތުން މުވައްޒަފުން ވަކިކުރެވިދާނެ ކަމަށް ހައި ކޯޓުން ނިންމާފައިވެ އެވެ. ނަމަވެސް ހަމީދުގެ މައްސަލައިގައި މިއަދު ކުރި ހުކުމުގައި ވަނީ ހައި ކޯޓުގެ އެ ހުކުމުގައިވާ އުސޫލުތައް ހަމީދުގެ މައްޗަށް ނުހިނގާނެ ކަމަށާއި އެހެންކަމުން އެ މައްސަލައިގައި ރިއާޔަތްކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ ހުކުމަށް ކަމަށެވެ. ހަމީދުގެ އިތުރުން ކުރީގެ ސަރުކާރުގެ ދުވަސްވަރު މެރިން ޕޮލިހުގެ ވެރިއަކަށް ހުންނެވި ސުޕްރިޑެންޓެންޓް އިބްރާހިމް އަދުނާން އަނީސް ވަޒީފާއިން ވަކިކުރި މައްސަލަ ވެސް އޭނާގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ