ރައްޔިތުންގެ ކުރިއެރުމާއި ފައިދާއަށްޓަކައި ލޭވެސް އޮހޮރާލަން ތައްޔާރު: ގާސިމް

ރައްޔިތުންގެ ކުރިއެރުމާއި ފައިދާއަށްޓަކައި ލޭ ވެސް އޮހޮރާލަން ތައްޔާރުވެ ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އެހެން ވިދާޅުވީ ރޭ އެޕާޓީން ހެދިގޮނޑުދޮށުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ " ގައުމުގެ ހައްގުގަ، ރައްޔިތުންގެ ކުރިއެމާއި ފާއިދާއަށްޓަކައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުގެ ލޭވެސް މިބިމަށް އޮހޮރުވާލަން މިހިރީ ތައްޔާރަށް" ކަމަށެވެ.
ޖުމްހޫރީ ޕާޓީ އިން ކޯލިޝަން ހަދާ ވާހަކައަށް އަލިއަޅުވާލަމުން ގާސިމް ވިދާޅުވީ އެޕާޓީން ބޭނުންވަނީ ގިނަ ޕާޓި ތަކެއް އެކުލެވޭ ގޮތަށް ކޯލިޝަނެއް އެކުލަވާލަން ކަމަށެވެ. އަދި އެޕާޓީން ރައީސް ވަހީދާއި، އުމަރު ނަސީރާއި އަދި ޑީއާރުޕީއާވެސް ކޯލިޝަންގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެ މީޑިއާ ގައި ފެތުރިފައިވާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއްވެސް ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ވެވަޑައިނުގަންނަވާނޭ ކަމަށް ވެސް ގާސިމް ވަނީ އެ ޖަލްސާގައި އިއުލާން ކޮށްފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ވެސް ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި ކޯލިޝަން ހަދަން ތައްޔާރަށް އެޕާޓީ އޮތް ކަމަށާއި އަދި ކޯލިޝަން ހެދުމުގައި އެޕާޓީން ހުރިހާ ޕާޓީ ތަކަކާވެސް ވާހަކަ ދައްކާނެ ކަމަށް ރޭގެ ޖަލްސާގައި ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ރާއްޖެ އާއި އިންޑިއާ ދޭތެރޭގައި އޮންނަ ބަދަހި ގުޅުން ހީނަރު ވެފައިވާކަން ފާހަނގަކޮށްފައެވެ.
ހަމަ އެހެންމެ ގާސިމް ގެ ވާހަކަ ފުޅުގައި އޭނާ ވަނީ މިހާރުގެ ސަރުކާރުން ބިދޭސީންގެވެސް ހައްގުތަށް ހިމާޔަތް ކުރުމަށް ގޮވާލާ، އެމީހުންގެ ޕާސްޕޯޓުތަށް އެމީހުން އަތަށް ދެވިފައި ނުވާ ކަން ފާހަގަ ކުރައްވާފައެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ އާއިލާތަކުން އެކަމާއި ދޭތެރޭ ކަންބޮޑުވުން ފާޅުކުރާކަމަށާއި އަދި އިންޑިއާގެ ހައިކޮމިޝަނަރ އެކަމާއި ގުޅޭގޮތުން އޭނާ އާއި ވާހަކަފުޅު ދައްކާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ