ރުއްތައް ނެގިއިރު ފުލުހުން އެހީވީ މިނިސްޓްރީގެ އެންގުން ތަންފީޒުކޮށްދިނުމަށް: އުމަރު
މާލޭގެ މަގުތަކުގައި ގަސް ނުއިންދުމަށް ހައުސިން މިނިސްޓްރީން އަންގާފައި ވަނިކޮށް، ސިޓީ ކައުންސިލުން އެއާ ހިލާފަށް އަމަލުކުރުމުން އެ ރުއްތައް ނެގުމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް އެހީތެރިކަން ފޯރުކޮށްދިނީ ހައުސިން މިނިސްޓްރީގެ އެންގުން ތަންފީޒު ކޮށްދިނުމަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މާލޭ ސިޓީ ކައުންސިލުން އިއްޔެ އަލުން އިންދި ރުއްތައް ފުލުހުންގެ ހާޒިރުގައި އެމްއާރުޑީސީން ވަނީ ނަގައިފަ އެވެ. އެ މައްސަލާގައި ސިޓީ ކައުންސިލްގެ ފާޑުކިޔުން ފުލުހުންގެ މުއައްސަސާ އަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. ފުލުހުން އަމަލުކުރި ގޮތާ ގުޅޭ ގޮތުން މިނިސްޓަރު އުމަރު ވިދާޅުވީ "ފުލުހުން އިއްޔެ ތަންފީޒުކުރީ ހައުސިން މިނިސްޓްރީން ތަންފީޒުކުރަން އެންގި އަމުރެއް" ކަމަށެވެ. ހޯމް މިނިސްޓްރީ އަކީ ކަންކަން ތަންފީޒުކުރާ ފަރާތް ކަމަށް ވާތީ، ދައުލަތުގެ އެއްވެސް ކަމަކަށް އެއްވެސް ބަޔަކު ހުރަސްއަޅައި އެކަމެއް ނުކުރެވިއްޖެ ނަމަ އެކަން ކުރިއަށް ގެންދާނީ ހޯމް މިނިސްޓްރީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާލެ ފެހި ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީން ކަމަށާއި ފެހި ކުރުމުގެ އެއްވެސް ކަމެއް ސިޓީ ކައުންސިލުން ނުކުރަން އަންގައި އެ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. "އަދި އެކަން އެންފޯސްކޮށްދިނުމަށް ހައުސިން މިނިސްޓަރު އަޅުގަނޑުގެ އަރިހުން ވެސް އެދުނު. އެދުނީމަ އަޅުގަނޑު އޮންނާނީ މޭޔަަރަށް ދަންނަވާފައި އެކަމާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދަވައްޗޭ މިނިސްޓްރީ އޮފް ހައުސިން އިން އަންގާ ގޮތެއްގެ މަތިން މެނުވީ،" އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ހުރިހާ ކަމެއްގެ ވެސް ސިޔާސަތު ކަނޑައަޅާނީ ސަރުކާރުންނެވެ. އެކަން ވަރަށް ސާފުކޮށް ސިޓީ ކައުންސިލަށް އެނގެން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. "ސަރުކާރުން ސިޔާސަތެއް ކަނޑައަޅާފައި އޮއްވައި އެ ސިޔާސަތާ ދެކޮޅު ހަދައި، އެއަށް ގޮންޖަހައި އެއަށް ރިބެލްކޮށް، ތިމަންނަމެންނަކީ މާ ވަރުގަދަ ބައެއްކަން ދެއްކުމަށްޓަކައި ކޮންމެވެސް ތާކުން ރުއްތަކެއް ގެނެސްގެން ޖަހަން ފެށީ،" އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހޯމް މިނިސްޓްރީން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ އެވެ. މާލެ ރީތިކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށް އެ ކައުންސިލުން ގަބޫލުކުރާއިރު، މާލޭގައި ގަސް އިންދާނީ ކަނޑައަޅާ ޕްލޭނެއްގެ ދަށުން ސަރުކާރުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މާލޭގައި އަލުން ފެންފޯއް ރުއްތައް އިންދަން މާލެ ސިޓީ ކައުންސިލުން ފެށީ، ކުރިން އެ ކައުންސިލުން އިންދި ރުއްތައް ބަޔަކު ކަނޑާލުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ