ސީރިއާގެ މުސްތަގްބަލް ކަނޑައަޅާނީ ސީރިއާގެ ރައްޔިތުން: އަސަދު
ދިމިޝްގު (އޮކްޓޯބަރު 31) - ސީރިއާގެ މުސްތަގްބަލް ކަނޑައަޅާނީ ސީރިއާގެ ރައްޔިތުން ކަމަށާއި ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމާއި ނުވުމަކީ ވެސް ސީރިއާގެ އަމިއްލަ ކަމެއް ކަމަށް އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ. އދ. އާއި އަރަބި ލީގުން ސީރިއާ އަށް ކަނޑައަޅާފައިވާ މަންދޫބު ލަޚްދަރު އިބްރާހިމީއާ ދިމިޝްގުގައި ބައްދަލު ކުރައްވާ އަސަދު ވިދާޅުވީ ސީރިއާގެ ކަންކަން ނިންމުމުގައި ބޭރު ބަޔަކަށް ނުފޫޒް ނުފޯރުވޭނެ ކަމަށެވެ. "ސުލްހައިގެ ވާހަކަތަކުގައި ސީރިއާ ބައިވެރިވުމުގެ ކުރިން ޓެރަރިސްޓުންނަށް ވާގިވެރިވުމާއި އެ މީހުންނަށް ވާގިވެރިވާ ގައުމުތަކުން އެކަން ހުއްޓާލަން ޖެހޭ،" އިބްރާހިމީއާ އެކު ބޭއްވެވި އެއްގަޑިއިރުގެ ބައްދަލުވުމުގައި އަސަދު ވިދާޅުވި ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ބުނެފައިވެ އެވެ. އިބްރާހިމީގެ ތަރުޖަމާން ކުރިން ވިދާޅުވީ ސީރިއާގެ ހަމަނުޖެހުންތައް އެ ގައުމަށް އެކަނި ހައްލު ކުރެވޭނެ ނަމަ އެ ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް ސީރިއާ އިން ބުނެފައި ވަނީ ނޮވެމްބަރު މަހު ޖެނީވާގައި ބާއްވާ ބައްދަލުވުމުގައި ޓެރަރިސްޓުންނަށް ވާގަވެރިވާ ބަޔަކު ބައިރިވާ ނަމަ އެ ބައްދަލުވުން ބޮއިކޮޓް ކުރާނެ ކަމަށެވެ. ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ މީހުންނަށް އެ ގައުމުގެ ސަރުކާރުން މުޚާތަބް ކުރަނީ ޓެރަރިސްޓުންގެ ގޮތުގަ އެވެ. އަދި އަސަދުގެ އިސްތިއުފާ އަށް ޝަރުތު ކުރާ ނަމަ، ބައްދަލުވުންތަކުގައި ބައިވެރިނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ސީރިއާގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ޑިމާންޑް ކުރަމުން ދަނީ ވެސް އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. ސީރިއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ ބައްދަލުވުން ނުބޭއްވިދާނެތީ ރަޝިޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސީރިއާ ސަރުކާރާ ގުޅުން އޮންނަ ރަޝިޔާ އިން ބުނެފައި ވަނީ އެތައް ދުވަހެއްގެ މަސައްކަތް ފެނަށް ވެގެން ދިޔަ ނުދޭނެ ކަމަށެވެ. ސީރިއާގެ ތިން އަހަރުވީ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 115،00 މީހުން މަރުވެފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ