އޯލް ޕާޓީ ޓޯކްސްގެ ބައްދަލުވުމުގެ ބައިވެރިން މިއަދު ހަވީރު ބަނޑޮހަށް ދަނީ

އޯލް ޕާޓީ ޓޯކްސްގެ ބައްދަލުވުމުގެ ބައިވެރިން މިއަދު ހަވީރު ފަހެއް ޖަހާއިރު ބަނޑޮސް އައިލެންޑް ރިސޯޓަށް ދާނެކަމުގެ މައުލޫމާތު ސީ.އެން.އެމް. އަށް ލިބިއްޖެއެވެ.
އޯލް ޕާޓީ ޓޯކްސްގެ ބައްދަލުވުންތައް މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ބަނޑޮހުގައި ކުރިއަށް ދާނެކަމަށް އޯލް ޕާޓީގެ ޓޯކްސްގެ ވިލަރެސްވެރިޔާ އަޙްމަދު މުޖުތަބާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިދިޔަ ހޯމަ ދުވަހު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޖުތަބާ ވިދާޅުވީ ބުރާސްފަތި ދުވަހު (މިއަދު) އޯލް ޕާޓީ ޓޯކްސްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ބަނޑޮހަށް ދާނެކަމަށާއި އެރޭ ފުރަތަމަ ބައްދަލުވުން ބޭއްވޭނެކަމަށެވެ. އަދި ޖެހިގެން އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު ބައްދަލުވުމެއް ބާއްވާއިރު ފަހު ބައްދަލުވުން އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު ކުރީގައިކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވެފައިވަނީ އެކެހެރި ތަނެއްގައި އޯލް ޕާޓީ ޓޯކްސްގެ ބައްދަލުވުންތައް ބާއްވަން ނިންމި އެންމެ މުހިއްމު ސަބަބަކީ މިހާރު އެޖެންޑާ ކުރެވިފައިވާ އައިޓަމްތަކަށް ސަމާލުކަން ދީގެން ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަގުތު ހޭދަކުރުމަށެވެ. އަދި ވާހަކަތައް ކުރިއަށް ގެންދިއުމަށް މިހާރު އެއްވެސް ހުރަހެއް ނެތްކަމަށާއި ޕާޓީތަކުގެ ރޫހު ވެސް ހުރީ ވާހަކަތަކަށް އެއްބާރުލުންދީގެން ކުރިއަށް ދިއުމަށްކަމަށް ވެސް މުޖުތަބާ ވަނީ ވިދާޅުވެފައެވެ.
ވާހަކަތައް ކުރިއަށް ގެންދިއުމަށް މިހާރު އެއްވެސް ހުރަހެއް ނެތްކަމަށާއި ޕާޓީތަކުގެ ރޫހު ވެސް ހުރީ ވާހަކަތަކަށް އެއްބާރުލުންދީގެން ކުރިއަށް ދިއުމަށްކަމަށް މުޖުތަބާ ވިދާޅުވެފައިވީ ނަމަވެސް ފާއިތުވި ދެތިން ދުވަހު އުސްފަސްގަނޑުގެ މައްސަލާގައި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކާއި އިދިކޮޅު އެމް.ޑީ.ޕީ. އިން ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ. އަދި އެމް.ޑީ.ޕީ.ގެ ސަޕޯޓަރުންނާއި ފުލުހުން ވަނީ މަގުމަތީގައި ވަރުގަދަ ކުރިމަތިލުންތަކެއް ވެސް ހިންގާފައެވެ.
އޯލް ޕާޓީ ޓޯކްސްގެ ބައްދަލުވުންތައް ކުރިއަށް ގެންދަން ނިންމާފައިވާ ބަނޑޮސް އައިލެންޑް ރިސޯޓަކީ ނައިބު ރައީސް މުޙައްމަދު ވަހިއްދުއްދީންގެ އާއިލީ ހިއްސާ އޮންނަ އަދި އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ ތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ