ދައުލަތުގެ ބަންޑާރަނައިބުގެ މަގާމު ހުސްވުމާއި ގުޅިގެން ބަންޑާރަނައިބުގެ ފަރާތުން ދައުވާކުރާ މައްސަލަތަކާއި ބަންޑާރަނައިބަށް ރައްދުވާ މައްސަލަތައް ކުރިއަށް ގެންދިއުން ވަގުތީގޮތުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ބަންޑާރަނައިބްގެ މަގާމު ހުސްވީ މިދިޔަ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެންމެފަހުން ބަންޑާރަނައިބަކަށް ހުންނެވި އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަޖިލީހުގެ އަގުލަބިއްޔަތުން އެކަމަނާ މަގާމުން ދުރުކުރެއްވުމާއި ގުޅިގެންނެވެ.
ބަންޑާރަނައިބުގެ ފަރާތުން ދައުވާކުރާ މައްސަލަތަކާއި ބަންޑާރަނައިބަށް ރައްދުވާ މައްސަލަތައް ކުރިއަށް ގެންދިއުން ވަގުތީގޮތުން މަޑުޖައްސާލުމަށް ނިންމާފައިވަނީ ސިވިލް ކޯޓުގެ ހަ ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެގެ ވަގުތެއްގަ އެވެ.
ފަނޑިޔާރުންގެ ނިންމުމުގައި ބުނެފައިވަނީ ދައުލަތަށް ރައްދުވާ އަދި ދައުލަތުން ދައުވާކުރާ ހުރިހާ މައްސަލަތަކެއް ކުރިއަށް ގެންދިއުން ވަގުތީ ގޮތުން މަޑުޖައްސާލުމަށެވެ. ނަމަވެސް މައްސަލައެއްގައި ހާލަތަށް ބެލުމަށްފަހު އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން އަންނަމަ ބަންޑާރަނައިބުގެ ބަހެއް ނެތި މައްސަލައިގައި ގޮތެއް ނިންމުމުގެ ބާރު ފަނޑިޔަރުންނަށް ލިބިގެންވާ ކަމަށްވެސް ފަނޑިޔާރުންގެ ނިންމުމުގައި ބުނެފައިވެ އެވެ.
ބަންޑާރަނައިބާ ގުޅޭ މައްސަލަތައް ބެލުން ސިވިލް ކޯޓުން ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް ދައުލަތަށް ދައުވާ ރައްދުވާ މައްސަލައެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ދައުވާކުރާ ފަރާތުން އެދުމުން ސިވިލް ކޯޓުން އިއްޔެ ވަނީ ވަގުތީ އަމުރެއް ނެރެދީފަ އެވެ. ދައުވާކުރާ ފަރާތުން އެދިފައިވަނީ ބިދޭސީއަކު ޑީޕޯޓްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންގެންދާތީ އެކަން ހުއްޓުވައިދިނުމަށެވެ.
ބަންޑާރަނައިބާ ގުޅޭ މައްސަލަތައް ބެލުން ސިވިލް ކޯޓުން މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ