ޓޫރިޒަމް ދާއިރާގެ މީހުން ވެސް މަޖިލީހުގައި ތިބެން ޖެހޭ: އެމްޔޫ މަނިކު

ޓޫރިޒަމް ދާއިރާ ތަމްސީލް ކުރާ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ވިދާޅުވެއްޖެ އެވެ. ޓޫރިޒަމް އިންޑަސްޓްރީގެ މައި ޖަމިއްޔާ މަޓީގެ އަހަރީ އާންމު ޖަލްސާގައި، އެ ޖަމިއްޔާ އަށް ގެންނަން ފެންނަ އިސްލާހެއްގެ ގޮތުގައި މަޓީގެ ބޯޑުގައި ސިޔާސީ މަގާމުތައް ފުރުއްވާ ފަރާތްތައް ނުތިއްބެވުމަށް ހުށަހެޅުމާ ގުޅިގެން މަނިކު ވިދާޅުވީ ޖަމިއްޔާގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމަކީ މައްސަލައެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާއާ ގުޅޭ ސިޔާސަތުތައް އެކަށައަޅާ އިރު އެކަންތައްތަކަށް އެޑްރެސް ކުރުމުގެ ގޮތުން އެ ދާއިރާގެ ފަރާތްތައް މަޖިލީހުގައި ތިބެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެއީ މައްސަލައެއް ނޫން. މި ދާއިރާ އަށް ނިސްބަތްވާ މީހުން ވެސް މަޖިލީހުގައި ތިބެން ޖެހޭނެ،" މަނިކު ވިދާޅުވި އެވެ. މަޓީގެ ބޯޑުގައި ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވަނީ އެ ޖަމިއްޔާގެ ވައިސް ޗެއާމަން އަދި ވިލާ ހޮޓަލްސްގެ ޗެއާމަން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެކަންޏެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭނާ މަޓީގެ ބޯޑުގައި އިންނަވަނީ ޓޫރިޒަމްގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. އަދި މަޖިލީހުގައި އޭނާ އަދާކުރައްވަނީ އެހެން މަސްއޫލިއްޔަތެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި މަޖިލީހުގައި އޭނާ މަޓީ ތަމްސީލެއް ނުކުރައްވަ އެވެ. މަޓީގެ ވައިސް ޗެއާމަން ޗަމްޕާ ހުސެން އަފީފް ވެސް ވިދާޅުވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރީގައި އުޅޭ ފަރާތެއް މަޖިލީހުގައި ތިބުމަކީ އިންޑަސްޓްރީގެ ކަންބޮޑުވުންތައް ވެސް އިއްވައި ދިނުމަށް ލިބޭ ފުރުސަތެކެވެ. މަޓީ އިތުރަށް ހަރަކާތްތެރި ކުރުމަށް އެ ޖަމްއިއްޔާ އަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ޑރ. ސިމާދު ސައީދު މިއަދު ހުށަހަޅުއްވައި ދެއްވި އެވެ. އެގޮތުން މަޓީ އަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ލޯންޗް ކުރުމާއި ރިސޯޓް މެނޭޖަރުންގެ ފޯރަމެއް ބޭއްވުމާއި މިހާރަށް ވުރެ ބޮޑަށް ބޭރުގެ މީޑިއާތަކަށް ރާއްޖޭގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ވެސް ހުށަހެޅި އެވެ. މަޓީގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ބައެއް ރިސޯޓްތައް ބޮއިކޮޓް ކުރަމުން ދިޔައިރު އެ ޖަމްއިއްޔާ އިން އެކަމާ އަޅާނުލަ އެވެ. އޭގެ ޖަވާބުގައި އަފީފް ވިދާޅުވީ އެކަންތައްތަކާ ގުޅިގެން ފާޅުގައި މަޓީން އެއްޗެއް ނުބުނި ނަމަވެސް އެކަންތައްތައް ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ބައެއް ކަންތައްތަކުގައި ހަނު ތިބުމަކީ ވެސް އެކަންތައްތައް ހައްލު ކުރުމަށް ލިބޭ ފަރުވާއަކަށް ވާނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ. މަޓީގެ ޗެއާމަނެއްގެ ގޮތުގައި މިފަހަރު ވެސް އިންތިހާބުކުރީ އެމްޔޫ މަނިކެވެ. ވައިސް ޗެއާމަނުންގެ ގޮތުގައި އިންތިޚާބުކުރީ ގާސިމާއި އަފީފެވެ. ކުރިއެކޭ ވެސް އެއްގޮތަށް ސެކްރެޓަރީ ޖެނެރަލަކަށް އައްޔަން ކުރީ ކްރައުން ކޮމްޕެނީގެ އަހުމަދު ނަޒީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ