އެކި ފަރާތްތަކުގެ އެހީ ހޯދަން ވާނީ މިނިވަންކަން ނުގެއްލޭނެ ގޮތަށް: އުމަރު

އެކި ގައުމުތަކުގެ އެހީ ހޯދަން ޖެހޭނީ ކޮންމެހެން ބޭނުންވާ ކަންކަމުގައި ރައްކާތެރިކަމާ އެކު ބަލައިގެން، އަދި ރާއްޖޭގެ މިނިވަންކަން ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރަމުން އަންނަ މިއަހަރުގެ ނަސްރު ދުވަހުގެ މުނާސަބަތުގައި ތ. ދިޔަމިގިލީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ގައުމެއްގެ މިނިވަންކަން ދިފާއުކޮށްފައި ބޭއްވުމަކީ ކުޑަކަމެއް ނޫން ކަމަށާއި ބަޔަކު ކަމެއް ހާސިލްކުރަން ބޭނުން ނަމަ ވަލު ދޮރޯށިން ވަންނާނެ ގޮތެއް ހޯދާނެ ކަމަށެވެ. އެގޮތުން އެހީގެ ގޮތުގައި ވެސް ނުވަތަ ވިޔަފާރިކުރުމުގެ ނަމުގައި ވެސް އެބަޔަކު ރާއްޖެ އައިސް މިނިވަންކަމަށް ނުރައްކާ ކޮށްފާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "މިއިން ކޮންމެ ކަމެއްގައި އަޅުގަނޑުމެން ތިބެން ޖެހޭނީ މިނިވަންކަމަށް ފާރަވެރިވެގެން. އަޅުގަމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި އަޅުގަނޑުމެންގެ އިސްތިގުލާލު ނުގެއްލޭ ގޮތަށް. އެހީ ދީފާނެ އެހީގެ ތެރޭގައި، އަޅުގަނޑުމެން ކަރުއެޅޭ ގޮތަށް، އެހީގެ ތެރެއިން އަޅުގަނޑުމެންނަށް ނުނިކުމެވޭނެ ގޮތަށް. އަޅުގަނޑުމެން އެހީއަކަށް ބަރޯސާ ވެސް ކުރުވަފާނެ ބަޔަކު. މި އެހީއާ ނުލާ ދެން ނޫޅެވޭ ވަރަށް ވެސް ބަރޯސާ ކުރުވަފާނެ. އެހެންވީމާ އަޅުގަނޑުމެން މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށްޓަކައި އެހީ ވެސް ހޯދަން ވާނީ ރައްކާތެރިކަމާ އެކު ބަލައިގެން،" އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ޑިމޮކްރަސީ އައީ ފޮރުވިފައިވާ އެތައް ކަމެއްގެ ތެރެއިންނެވެ. އެ ގޮތުން ރާއްޖެ އަށް ފުރަތަމަ ޑިމޮކްރަސީ ގެނައީ އެހެން ދީންތަކަށް ފުރުސަތު ލިބޭ ފަދަ ގޮތަށް ކަމަށް އުމަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ގެންނަންޖެހޭނީ އަޅުގަނޑުމެން ގަބޫލުކުރާ ޑިމޮކްރެސީއެއް. އެހެން ނޫނީ ޑިމޮކްރެސީގެ ތެރޭގައި އޮވެދާނެ ފޮރުވާފައި އޮންނަނ އެހެން އެއްޗެއް. ފަހުން އަޅުގަނޑުމެންނަށް އެނގުނީ އަޅުގަނޑުމެންގެ ތެރެއަށް ޑިމޮކްރެސީ ގެނައިއިރު ޑިމޮކްރެސީގެ ތެރޭގައި އެހެން ދީންތަކެއް ފުރުސަތު ދިނުން ފޮރުވާފައި އޮތްކަން،" ޒަމާނީ ޑިމޮކްރެސީ ރާއްޖެ އަށް ތައާރަފު ކުރުމަށް މީގެ އަހަރު ތަކެއް ކުރިން ފެށި މަަސައްކަތަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވި އެވެ. ނޮވެމްބަރު 3، 1988ގައި ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލަ އަށް އަލިއަޅުވާލައްވައި އުމަރު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި އެދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އައި ކަމަށާއި ނަމަވެސް 2009-2011 ވަނަ އަހަރާ ދެމެދު މި ދުވަސް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުވަތަ އެމްޑީޕީ ވެރިކަމުގައި އޮތް މުއްދަތެވެ. ނޮވެމްބަރު 3 ގެ އުދުވާން ރޭވުމުގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 2010 ވަނަ އަހަރު ރާއްޖެ އިން ފޮނުވާލުމުގައި އެމްޑީޕީގެ ސަރުކާރުގެ އަތެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ލުތުފީ ހޯދުމުގައި އެހީތެރިވާ ފަރާތަކަށް ދިނުމަށް ހަމަޖައްސާފައިވާ ފައިސާގެ އިނާމު 75،000ރ. އިން 10،000 ޑޮލަރަށް (154،200ރ.) އަށް ބޮޑުކޮށްފައިވާކަން މިނިސްޓަރު މިރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ. އުމަރު ވިދާޅވީ ކޮންމެ ގައުމެއްގައި ވެސް ލުތުފީ ފަދަ ޣައްދާރުން އުފެދޭނެ ކަމަށާއި ރާއްޖޭގައި ވެސް އުފެދުނީ ހަމައެކަނި ލުތުފީއެއް ނޫން ކަމަށެވެ. އަދި "އަޅުގަނޑުމެން ތިބެންޖެހޭނީ ކޮންމެ ދަނޑިވަޅަކަށް ތައްޔާރުވެ ގުރުބާން ވުމަށް ތައްޔާރަށް" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިފަދަ މުނާސަބަތުތައް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ގައުމީވަންތަކަން ރައްޔިތުންގެ ހިތްތަކުގައި އަބަދު ދިއްލާފައި ބެހެއްޓުން ކަމަށާއި އެތައް ހާސް އަހަރެއް ވަންދެން ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމުގެ ސިއްރަކީ ދިވެހިންގެ ހިތުގައި ގައުމީ ވަންތަކަށް އޮތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިވަންކަމުގައި ދެމިއޮތުމަށްޓަކައި ގައުމީ ވަންތަކަމުގެ ހުޅުކޮޅު ދިވެހިންގެ ހިތްތަކުގައި އަބަދު ވެސް ދެމެހެއްޓުން މުހިންމު ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ހަމަ އެގޮތަށް މިނިވަންކަމުގައި ތިބުމުގެ އަސްލަކީ ވެސް އަދި އެއްބައިވަންތަކަމުގައި ތިބުމުގެ އަސްލަކީ ވެސް އިސްލާމްދީން ކަމަށާއި މިނިވަންކަން ދިފާއު ކުރުމުގެ ވާހަކަ ދައްކާހާ ބާރު މިނުގައި އިސްލާމްދީން ދެމެހެއްޓުމަށް ވެސް ވާހަކަ ދެއްކެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ނޮވެމްބަރު 3، 1988 ގައި ވެސް މިނިވަންކަން ގެއްލިގެން ހިނގައިދާނެ އެތައް ހިނދުކޮޅުތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ދަނޑިވަޅެއްގައި ވެސް ސަލާމަތްވީ ފަރުދީ ގޮތުން ބަޔަކު އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފަރުދީ ކަމެއްގެ ގޮތުގައި ދެކިގެން ނޫނީ މިނިވަންކަން ނުދެމެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ. ލަންކާގެ ތަމަޅައިންގެ ތެރެއިން ބަޔަކާ ގުޅިގެން ދިވެހިންގެ ބަޔަކު ހިންގި އެ އުދުވާނުގައި 19 ދިވެއްސަކު ޝަހީދުކޮށްލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ