މައުމޫން ސަރުކާރުން ވަނީ އެހީތަކަށް ހުރަސް އަޅާފައި: ގާސިމް
ދިވެހި ރައްޔިތުންނަށް ބޭނުންވާ ބައެއް ހިދުމަތްތައް ވިލާ ގުރޫޕުން ކުރިއަށް ގެންދާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ބައެއް ކަންކަމަށް ހުރަސް އެޅި ކަމަށް ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ. ހއ. ކެލާގައި ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ އެ ހިދުމަތްތަކަށް އޭރުގެ ސަރުކާރުން ހުރަސްއެޅީ އޭނާގެ ތާއީދު ރައްޔިތުންގެ މެދުގައި އިތުރުވެގެން ހިނގައިދާނެތީ ކަމަށެވެ. ގާސިމް ވިދާޅުވީ ދިވެހި ކިޔަވާ ކުދިންނަށް ހަދިޔާ ކުރުމަށް އޭނާ ރާއްޖެ ގެންނެވި ދެ ކޮންޓޭނަރުގެ ތައުލީމީ ސާމާނު މައުމޫންގެ ސަރުކާރުން ބަލައިނުގަތުމުން އެ ހަދިޔާކުރަން ޖެހުނީ ލަންކާގެ ކުދިންނަށް ކަމަށެވެ. "އެ އެއްޗެތި ބަލައިގަންނާނެ މީހަކު ނުވި އިނގޭތޯ؟ ދިވެހި ސަރުކާރުން އެ އެއްޗިއްސާ ހަވާލެއް ނުވި. ނުވީމާ އަޅުގަނޑު އެންމެ ފަހުން އެ އެއްޗެތި ފޮނުވީ ސްރީލަންކާ އަށް. އަޅުގަނޑުމެން އެ އެއްޗެތި ފޮނުވާލީ ސްރީލަންކާ ސަރުކާރަށް. ސްރީލަންކާގެ އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކާފައި އެ ބޭފުޅުން އުފާކުރެއްވި. ބޮޑު ސިޓީއެއް ވެސް ޝުކުރު އަދާކުރައްވާފައި އަޅުގަނޑުމެންނަށް ލިބުނު،" ގާސިމާ ހަވާލާދީ ޖުމްހޫރީ ޕާޓީގެ ވެބްސައިޓްގައިވެ އެވެ. "ދެން އަޅުގަނޑު މި ރާއްޖޭގައި ފަސް މިސްކިތެއް އަޅަން އުޅުނީމާ ބިން ވެސް ނުދިން." ޖުމްހޫރީ ޕާޓީގެ ތަރުޖަމާން މޫސާ ރަމީޒު ވިދާޅުވީ ގާސިމް އެ ވިދާޅުވަނީ 2004 ގެ ސުނާމީއާ ގުޅިގެން ވިލާގެ ހަރަދުގައި ގާސިމް ރާއްޖޭގައި ކުރައްވަން އުޅުއްވި ބައެއް ކަންކަމަށް އޭރުގެ ސަރުކާރުން ހުރަސްއެޅި ވާހަކަ ކަމަށެވެ. ކުރީގެ ރައީސް މުހަންމަދު ނަޝީދާ ބެހޭ ގޮތުން ގާސިމް ރޭ ވިދާޅުވީ އެ މަނިކުފާނަކީ "ފިނޑި މީހެއް" ކަމަށެވެ. އަދި ނަޝީދު އަލުން ވެރިކަމަށް ގެންނަން ރައްޔިތުން ވޯޓު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ވެބްސައިޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ