މައާފްދީ މިނިވަންކުރި ކުށްވެރިޔާ ބަލާ ދިޔައީ މެމްބަރު ޝުޖާއު

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުށް ސާބިތުވެގެން ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މީހަކަށް ރައީސް އަބްދުﷲ ޔާމީން މާފް ދެއްވުމުން އޭނާ ބަލާ މާފުށީ ޖަލަށް، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަޑައިގެންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި މިއަދު އާއްމުވެ، ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ. ރައީސް އިއްޔެ މައާފް ދެއްވައި، މިނިވަންކޮށްފައި ވަނީ މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) ހިންގި ކަމަށް ބުނާ ޑްރަގް ނެޓްވޯކް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގައި ހ. ފަށަން ގެއިން 800 ގްރާމްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުން ތެރެއިން ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއިލް ޝަހީމެވެ. ވެރިކަންކުރާ ޕީޕީއެމްގެ މެމްބަރު ޝުޖާއު، ޝަހީމް ބަލާ މާފުއްޓަށް ވަޑައިގަތީ، އާއްމުވެފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި، ސަފާއާ އެކުގަ އެވެ. ދިހަ އަހަރަށް ޖަލަށް ލާފައި ހުރި ޝަހީމް މިނިވަންވުމުން ސަފާ ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި އެ ފޮޓޯ އާއްމުކޮށް، އުފާފާޅުކޮށްފަ އެވެ. އަދި ތޭރިތައް ފަޅާލައި، ޝަހީމް ނެރޭ މަންޒަރު ވެސް ފޮޓޯއަކުން ސަފާ ވަނީ އޭނާގެ ފޭސްބުކްގައި ސިފަކޮށްދީފަ އެވެ. ޖަލު "ފަޅާލައި" ޝަހީމް ނެރޭ މަންޒަރު ސަފާ އޭނާގެ ފޭސްބުކްގައި ސިފަކޮށްފައި. --ފޮޓޯ: ފޭސްބުކް ޝަހީމްއާ ސަލާމްކުރައްވާ ފޮޓޯއާ ގުޅޭގޮތުން ޝުޖާއު "ހަވީރަ"ށް ވިދާޅުވީ ޝަހީމް ބަލާ ދިޔައީ އާއިލާގެ އެދުމުގެ މަތިން ކަމަށެވެ. ޝަހީމަކީ އޭނާގެ އަނބިކަނބަލުންނާ ދެބެއިންގެ ދެދަރި މީހެއް ކަމަށާއި އޭނާ ބަލާ ދިޔައީ، ކްލިމެންސީ ބޯޑުން ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކޮށް، ބަލާ އައުމަށް އާއިލާ އަށް އެންގުމުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. "އާއިލާ އިން އަޅުގަނޑު ގާތު އެދުނީ އިއްޔެ އިން އިއްޔެ އަށް އޭނަ ގެނެވޭނެ ގޮތެއް ހޯދައިދޭށޭ. އެހެންވެ އަންހެނުންގެ ކަޒިން ބޭބެއަކަށް ވާތީ ބަލާ ދިޔައީ. އަޅުގަނޑު ދާން ޖެހުނީ ފެމިލީ އަށް ހިތްދަތިކަމެއް ކުރިމަތިވެފައި އޮތުމުން،" އޭނާ ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު މާފުށީ ފެރީ ނޯންނާނެތީވެ، އިއްޔެ ނުގެނެވުނު ނަމަ ޝަހީމަށް މާލެ އާދެވޭނީ މިއަދެވެ. "އުސޫލެއްގެ ގޮތުން އެއީ [ބަލާ ދިއުމަކީ] މަނާ ކަމެއް ނޫން. އަޅުގަނޑު ޖަލަކަށް ވެސް ނުވަންނަން. އަޅުގަނޑު ހުރީ ބޭރުގައި، އޭނަ ދޫކޮށްލީމަ ގޮވައިގެން އައީ،" ޝުޖާއު ވިދާޅުވި އެވެ. ޝުޖާއާ އެކު ސަފާ މާފުށީ ޖަލަށް ދިޔައީ ކީއްވެތޯ ދެންނެވުމުން ޝުޖާއު ވިދާޅުވީ ޝަހީމަކީ "އޭނަ [ސަފާ]ގެ ރަހުމަތްތެރިއެއް" ކަމަށެވެ. "ތި ދައުރުވެގެން އުޅޭ ފޮޓޯއަށް އޭނަ [ސަފާ] އަރާފައި އިން އިޝޫ ކަންނޭނގެ، އިޝޫއަކީ. އެކަމަކު އަޅުގަނޑު ދިޔައީ އަންހެނުންގެ ތިމާގެ މީހާގެ ބޭބެއެއްގެ ހައިސިއްޔަތުން. އޭނަ [ޝަހީމް]ގެ ރަހުމަތްތެރިޔާ [ސަފާ] ސޯޝަލް މީޑިއާ އަށް ލައިގެން އުޅޭ ފޮޓޯއާ އަޅުގަނޑާ ގުޅުމެއް ނެތް،" ޝުޖާއު ވިދާޅުވި އެވެ. ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް މީހުންގެ ތެރެއިން ސަފާއާ އެކު އިތުރު ހަތަރު މީހަކު ދިގު މުއްދަތުތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިޔަސް ސަފާ އާއި އިތުރު މީހެއްގެ މައްޗަށް ދަށު ކޯޓުން އިއްވި 18 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށް، އެ ދެ މީހުން މިނިވަންކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ނެޓްވޯކަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި ހަރަކާތްތެރިވި ނެޓްވޯކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ